ފުލުހުންގެ އަނިޔާވެރިކަން ހުއްޓާލާ، އިންސާފުދެއްވާ!: ޖޯޖް ފްލޮއިޑްގެ ބޭބެ
ޖޯޖް ފްލޮއިޑް ވަޅުލިތާ ވަގުތުކޮޅެއް ފަހުން، މިދިޔަ ބުދަ ދުވަހު އޭނާގެ ކޮއްކޮ ފިލޮނައިސް ފްލޮއިޑް ކޮންގްރެސް ޖަލްސާއަކަށް ހާޒިރުވެ އޭނާގެ ބޭބެއަށް އިންސާފު ހޯދައިދިނުމަށް އާދޭސް ކޮށްފިއެވެ.
ފިލޮނައިސް ފްލޮއިޑް ބުނެފައިވަނީ ޖޯޖް ގެ މަރަށް އިންސާފު ހޯދައިދެއްވުމަށާއި، ދޮން ނަސްލުގެ މީހުންގެ އަތުން މަރުވި ކަޅު ނަސްލުގެ މީހުންގެ ލިސްޓުގައި ހިމެނޭ ނަމަކަށް އެކަނި ޖޯޖް ފްލޮއިޑްގެ މަރު ނުހެދުމަށެވެ.
ވޮޝީންގޓަން ގެ ކޮންގްރެސް ހައުސްއަށް ފިލޮނައިސް ހާޒިރު ކުރެވުނީ، ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން އަންނަ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެންނެވެ.
"އަހަރެން ވެސް ވަރުބަލި ވެއްޖެ. ކަޅު ނަސްލުގެ މީހުންނަށް ދެމުން ގެންދާ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލާ އުފުލާ، އިންސާފަށް ގޮވާލާއިރުވެސް އިންސާފެއް ނުލިބޭތީ ވަރުބަލިވެއްޖެ. އަހަންނަށް މިވަގުތުވެސް ލިބެމުން މިދާ ހިތާމައާއި ވޭނާއިހެދި ވެސް ވަރުބަލިވެއްޖެ" ފިލޮނައިސް ބުނެފައިވެއެވެ.
މީގެއިތުރުން ފިލޮނައިސް ބުނީ ކަޅު ނަސްލުގެ މީހުންނަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކަ އިވޭ ކޮންމެ ފަހަރަކު އޭނާ ވަރަށް ހިތާމަ ކުރާ ކަމަށާއި މިފަހަރު އެއަނިޔާވެރިކަމުގެ ޝިކާރައަކަށް އޭނާގެ އަމިއްލަ ބޭބެވެ ނިމިގެން ދިޔުމުން އޭނާގެ ހިތް ކުދިކުދި ވެއްޖެ ކަމަށެވެ.
"މިއަނިޔާވެރިކަން ހުއްޓާލާ. އަހަރުމެންނަށް އިންސާފުދީ. އަހަރުމެންނާއިމެދު ދޮން މީހުން ގެންގުޅޭ ތަފާތު ކުރުމާއި ދެމުންދާ އަނިޔާތައް ހުއްޓުވާލަދީ. އަހަރެންގެ ބޭބެއަށް އިންސާފު ހޯދައިދީ. މަދަދަށް އެދި އޭނާ އާދޭސްކުރި އަޑު އެކަކަށް ވެސް ނުއިވުން. އަހަރުމެންގެ އަޑު އަހާލަދީ" ރޮވިފައި ހުރެ ފިލޮނައިސް އާދޭސް ކުރިއެވެ.
އެކޮންގްރެސްގައި ހިމެނުނު ޤާނޫނުހަދާ މެންބަރުން ވެސް ފިލޮނައިސްގެ އެވާހަކަތަށް އަޑުއަހާފައި މަޑުމައިތިރިވިއެވެ. އަދި އޭނާއަށް ފަހު އިތުރު ބައެއް ސިވިލް ރައިޓްސް ލީޑަރުންތަކަކާއިވެސް ވާހަކަ ދެއްކިއެވެ. ނަމަވެސް މިމައްސަލަތަކާއި ގުޅިގެން އަދި ވަކި ނިންމުމެއް ނިންމާފައެއް ނުވެއެވެ.