ބަލި ނެތް ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތް ހަދައިފި
ބަލި ނެތް ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތް ހަދައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވި ކޮވިޑް ނެތް ރަށްރަށުގެ މީހުންނަށް އެއްވެސް ހުއްދައަކާއި ނުލާ އެއް ރަށުން އަނެއް ރަށަށް ދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރަށް ރަށުގައި ހުއްދައާ ނުލާ ދަތުރު ކުރެވުނަސް މާލެ އިން ފުރާ މީހުންނަށާއި، އަންނަ މީހުން ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ އޮންނަ އުސޫލުގެ ދަށުން ފުރަން ޖެހޭ ފޯމްތަކާއި އެ އިންނަ ޕްރޮސެސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ޝައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބަލި ނެތް ރަށްތަކުގެ ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވައި، ދަތުރު ކުރުމަށް އަންނަ ހޯމަ ދުވަހުން ފެށިގެން ފުރުސަތު ދިނުމަށް ވަނީ ލަފާ ދީފައެވެ.
ލޮކްޑައުންއަށް ދިން އިތުރު ލުއިތަކާއެކު މި މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދުގައި ހުއްދަ ނެތި މަގުތަކަށް ނިކުމެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހުއްދަ ނެތި ބޭރުގައި އުޅެވޭނީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެން ކަމަށް ޝައިނާ ވިދާޅުވިއެވެ.