ބިރު ދައްކައިގެން މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓައެއް ނުލެވޭނެ: އަދުރޭ
ޕީޕީއެމް ނައިބް ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް ބިރު ދައްކައިގެން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓައެއް ނުލެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ މާދަމާ ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން މުއިއްޒު އަށް ޗިޓު ފޮނުވުމާ ގުޅިގެންނެވެ.
އެގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުން ފިލުވައިދެއްވުމަށް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުވުމަށް ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް އެކަމެއް ނުވާނެ ކަމަށެވެ.
"މުއިއްޒު އަކީ ބަޔަކު ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާ ވަރަށް ވުރެ، މާ އިހުލާސްތެރި ސާބިތު ބޭފުޅެއް" އަދުރޭ ވިދާޅުވިއެވެ.
Rayyithunnah kan kamuge hageegaiy olhun filuvai dhehvumah @MMuizzu kurahvamun gendhavaa masahkaiy huttuvumah kithanme varakah biru dhehkiyas ekameh nuvaane @MMuizzu akee bayaku dhahkaa birakah fasjehi vadai gannavaa varah vure maa ikhulaastheri saabithu beyfulheh @DhiyaresNews
— Abdul Raheem Abdulla (@Banafsaa) June 11, 2020
މުއިއްޒު މާދަމާ ރޭ 8:15 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ނޫމަޑި އަށް ބަދަލުދޭން ޖެހުނު މައްސަލައާ ގުޅޭ ތަހުގީގަށެވެ. އެ މައްސަލައިގެ ތަހުގީގަށް މީގެކުރިން ވެސް މުއިއްޒު ފުލުހަށް ހާޒިރުކޮށްފައިވެއެވެ.
ނޫމަޑި މައްސަލާގައި މީގެ ކުރިން ވަނީ މުއިއްޒު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ސުވާާލު ވެސް ކޮށްފަ އެވެ. އަދި އެ ކޮމިޓީ އަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅަން އެ ކޮމިޓީން ފާސްކޮށްފައިވެއެވެ.
މާލިއްޔަތު ކޮމިޓީއަށް މުއިއްޒު ހާޒިރުކުރީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މައްސަލާގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިން ކަމަށް ބުނެއެވެ. ނަމަވެސް ކޮމިޓީގައި ވާހަކަދައްކަމުން މުއިއްޒު ވަނީ އޭނާ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ބަޔާން ދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.