ދުނިޔެ

އާތިފް އަސްލަމް ވެސް މިޔުޒިކާއި ދުރަށް؟ "މި ވަގުތީ ދުނިޔޭގައި ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެން ބޭނުން"

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ލަވަލިޔުން ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ. އޭނާ މިކަމަށް އިޝާރާތް ކޮށްފައިވަނީ "ކެޕިޓަލް ޓޯކް"ގެ ހޯސްޓް ޙާމިދު މީރް އަށް ދިން އިންޓަވިއުއެއްގައެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އާތިފް ލަވަކިޔުން ހުއްޓާލައިފިކަމުގެ އަޑުތަކެއް ވަރަށް އަވަހަށް ފެތުރެން ފަށާފާނެ ކަމަށް އޭނާ ވަނީ އެ އިންޓަވިއުގައި ބުނެފައެވެ.

ލަވަކިޔުން ހުއްޓާލުމަކީ އަމިއްލަ ކަމެއް ނަމަވެސް އާތިފް ބުނެފައިވަނީ މިވަގުތީ ދުނިޔޭގައި އުޅޭ މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ދީނީ އަޅުކަން އަދާކޮށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެން ބޭނުންވާ ކަމަށެވެ.

މިޔުޒިކީ ދުނިޔެ އަދި ދޫކޮށްނުލި ކަމުގައިވިޔަސް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށާއި އޭނާ "ތަޖްދާރޭ ހަރަމް" އާއި ''އަސްމާއުލް ޙުސްނާ" ކިޔާފައި ވަނީ ކީއްވެކަން ވެސް ވަރަށް އަވަހަށް ބަޔާން ކުރާނެ ކަމަށް ވެސް ބޮލީވުޑްގެ އެންމެ ރީތި އެއް އަޑުގެ ވެރިޔާ އާތިފް ބުންޏެވެ.

އާތިފް ބުނެފައިވަނީ "އަސްމާއުލް ހުސްނާ"ގައި ﷲގެ ނަންފުޅުތައް ކިޔަމުން ދިޔައިރު އޭނާއަށް ކުރެވުނު ފޮނިއިހްސާސްތައް ބުނެދޭން ވެސް ނޭނގޭ ކަމަށެވެ.

އޭނާ ވަނީ ޕާކިސްތާނުގެ ފުރަބަންދު ދުވަސްވަރުގައި، އެއްދުވަހު ބަންގި ވެސް ގޮވާފައެވެ. މީސްމީޑިއާގައި ވައިރަލްވި މި ވީޑިއޯއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

އާތިފް ބުނީ އެއީ އޭނާ ވަރަށް ކުރިންސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއަދު އެހުވަފެން ސީދާ ވެއްޖެ ކަމަށެވެ. އާތިފް ބުނެފައިވަނީ ބަންގި ގޮވަން ހަމަޖެހިފައިވާ ދުވަހުގެ ކުރީގެ ރޭ އެކަން ކުރާ ހިތުން އޭނާއަށް ނުވެސް ނިދުނުކަމަށާއި އޭނާއަށް ކުރެވުނު އިހްސާސްތައް ބުނެދޭން ވެސް ނޭނގޭ ކަމަށެވެ.

"އެފަދަ ފުރުސަތެއް ލިބިދާނެ ކަމަށް ދުވަހަކު ހިތަށް ވެސް ނާރާ" މައްކާގެ ޙަރަމްފުޅުގައި ބަންގި ގޮވުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ކަމަށް ހާމަ ކުރަމުން އޭނާ ބުނެފައިވެއެވެ.

އާތިފް އަސްލަމް ބަންގި ގޮވާފައިވަނީ ކޮންތާކު ކަމެއް އެނގިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!