ވިޔަފާރި

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 81 ޕަސެންޓު ދަށްވެއްޖެ

ދައުލަތުގެ ޓެކްސް އިދާރާ، މިރާއަށް މިދިޔަ މޭ މަހު ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ މޭމަހާއި އަޅާބަލާއިރު 81 ޕަސެންޓު ދަށްވެއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މޭމަހުގެ ތެރޭގައި އެ އިދާރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 206.28 މިލިއަން ރުފިޔާއެވެ. މީގެތެރޭގައި ހިމެނޭ ޑޮލަރުން ބަލައިގަތް އާމްދަނީގެ އަދަދަކީ 7.03 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު މިއަހަރުގެ މޭމަހު މީރާއަށް ބަލައިގަތް އާމްދަނީ ވަނީ ވަރަށް ބޮޑަށްވެސް ދަށްވެފައެވެ. މީރާއިން ބުނީ މިއަހަރުގެ މޭމަހު އެއިދާރާއިން ބަލައިގަތް އާމްދަނީ ދަށްވެފައިވަނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ޓެކްސް ސުންގަޑިތައް ފަސްކޮށްފައިވާތީއާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ބޮޑުތަނުން ދަށްވެފައިވުމުންކަމަށެވެ.

މިއަހަރުގެ މޭމަހު މީރާއަށް ބަލައިގަތް 206.28 މިލިއަން ރުފިޔާގެ ތެރޭގައި ހިމެމެނީ ޓެކްސްގެ ގޮތުގައި ލިބުނު 158.1 މިލިއަން ރުފިޔާއާއި ޓެކްސް ނޫން ގޮތްތޮތުން ލިބުނު 48.2 މިލިއަން ރުފިޔާއެވެ.

ފާއިތުވި މޭމަހު ދައުލަތައް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. މީރާއަށް ބަލައިގަތް އާމްދަނީގެ 55 ޕަސެންޓު ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!