އަހަރެން ސައިފް ކައިރީ އެހިން ލޯބިވެވުމަކީ ކުށެއްހޭ: ކަރީނާ
ބޮލީވުޑްގެ ތަރިންނަކީ މުޅި ދުނިޔޭގެ އެންމެންވެސް ވަރަށް ސަމާލުކަން ދީފައިވާ ބައެކެވެ. ޚާއްސަކޮށް ކައިވެނި ކޮށްގެން އުޅޭ ދެތަރިންނާއި ބެހޭގޮތުން ގިނަ ބަޔަކު މައުލޫމާތު ހޯދާ، ވާހަކަ ދެއްކުމަކީ ވެސް ގިނަ މީހުންގެ އާދައެކެވެ.
އެފަދައިން އެންމެ ގިނަ ބަޔަކު ވާހަކަ ދައްކާފައިވާ އެއް ޖޯޑަކީ، ބޮލީވުޑްގެ އެންމެ މަޝްހޫރު ދެތަރިން ކަމުގައިވާ ކަރީނާ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާން އެވެ.
ސައިފް އާއި ކަރީނާ ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. ލޯބީގެ ގޮތުން ފަސް އަހަރު ގުޅިގެން އުޅުމަށްފަހު، ކައިވެންޏަކާއި ހަމައަށް ދާން އެދެމީހުން ނިންމި ފަހުން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އެދެމަފިރިންނަށް އަމާޒުވިއެވެ.
އެވާހަކަތަކަށް އަބަދުވެސް އެދެމަފިރިން ބީރު ކަންފަތެއް ދީފައިވީ ނަމަވެސް މިދިޔަ އަހަރު "ކޮފީ ވިތު ކަރަން" ޝޯގެ އެޕިސޯޑެއްގައި ކަރީނާ ވަނީ އެވާހަތަކަށް އެއްޗެއް ބުނެފައެވެ.
އެގޮތުން "ސައިފީނާ" އަށް ލިބުނު ނެގަޓިވް ކޮމެންޓުތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކަރީނާ ބުނީ، ސައިފް އަކީ ކުރިން ވެސް ކައިވެންޏެއް ކޮށްފައި ހުރި މީހަކަށްވާތީ އޭނާއާއި ކައިވެނި ނުކުރުމަށް ވެސް ވަރަށް ގިނަ މީހުން ބުނި ކަމަށެވެ.
"މީހުން ބުނި އޭނަ (ސައިފް) އަކީ ކުރިން ކައިވެނި ކޮށްފައި ހުރި މީހެއް ވީމަ އޭނައާއި ކައިވެނި ނުކުރާށޭ، އޭނަގެ ދެ ދަރިންވެސް އެބަތިއްބޭ، އަހަންނަށްވުރެ އުމުރުން ވެސް ދޮށްޓޭ.. އަހަރެން ވަރަށް ހައިރާންވި. ސައިފް ކައިރީ އެހިން ލޯބިވެވުމަކީ ކުށެއްހޭ، ކައިވެނި ކުރަން ބޭނުންވުމަކީ ނޫނީ ކުރުމަކީ އެވަރު ބޮޑު ކުށެއްހޭ، މީހުން އެވަރަށް އެގޮތަށް ވާހަކަ ދައްކަން؟ އަހަރެން ބުނިން ހިނގާށޭ ކައިވެނި ކުރަން! ހަގީގަތަށް ބުނަންޏާ އަހަންނަށް ސައިފް ދެކެ މިހާ ބޮޑަށް ލޯބިވެވުނީ ފެށުނީއްސުރެ މީހުން ދައްކަމުން އައި ނެގަޓިވް ވާހަކަތަކުން!" ވަރަށް އުފަލުން ހެވިފައި އިނދެ ކަރީނާ ބުންޏެވެ.