ޚަބަރު

މާޅެންދޫގައި މުދިމަކާއި އިސްލާމް ޓީޗަރަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

ނ. މާޅެންދޫގައި މުދިމަކާއި އިސްލާމް ޓީޗަރަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެން ކުއްޖަކާ ބެހުނު މި ދެމީހުން ވެސް މިހާރު ވަނީ ފުލުހުންގެ ހައްޔަރުގައެވެ. އަދި ކޯޓުން ވަނީ މި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

މީގެ ތިން އަހަރު ކުރިން ހިނގާފައިވާ މި ހާދިސާއާއި ގުޅޭ ގޮތުން މާޅެންދޫ މީހަކު ''ދެން'' އަށް ކިޔައިދިންް ގޮތުގައި އެ ފިރިހެން ކުއްޖާއަށް ފުރަތަމަ، ޖިންސީ ގޯނާކުރީ ގުރުއާން ކްލާހެއް ވެސް ހިންގާ މުދިމެކެވެ. އަދި މުދިމުގެ އެ އަމަލުތަކުން ސަލާމަތް ކޮށްދިނުމުގައި އެހީތެރިކަމެއް ހޯދުމުގެ ބޭނުމުގައި އިސްލާމް ޓީޗަރަށް އެވާހަކަ ކިޔައިދިނުމުން އޭނާ ވެސް ވަނީ ނާޖާއިޒު ފައިދާނަގާ ބިރު ދައްކާ އެ ކުއްޖާއާ ބެހިފައެވެ.

މާޅެންދޫގައި މިފަދަ މައްސަލައެއް ފެންމަތިވިއިރު ދާދި ފަހުން ނ. ލަންދޫގައި ފިރިހެން ދަރިވަރުންތަކަކާ ބެހުނު ގުރުއާން ޓީޗަރަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ފިރިހެން މީހާ އޭނާގެ 18 އަހަރު ނުފުރޭ ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

މީގެ އިތުރުން އުތުރުގެ ރަށެއްގެ 16 އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު މި މަހުގެ 10 ވަނަ ދުވަހު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!