ގެސްޓްހައުސްއެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށްފައި ވާއިރު، މިދިޔަ މަހުގެ ފަހުކޮޅު، އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ ހައްޔަރުކުރުން އަވަސް ކުރުމަށް އިދިކޮޅުން ގޮވާލައިފި
މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުން އަވަސް ކުރުމަށް، އިދިކޮޅު ޕީޕީއެމް/ޕީއެމްސީ ކޯލިޝަނުން ގޮވާލައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އެ ކުއްޖާ ރޭޕް ކޮށްފައި ވަނީ 18 އަހަރުން މަތީގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ހަޑިމުޑުދާރު އަދި ލާއިންސާނީ އަމަލު ހިންގި މީހާ އާއި އެކަމަށް އެހެން ބަޔަކު އެހީތެރިވެފައިވާ ނަމަ އެ މީހުން ހޯދައި ތަހުގީގު އަވަސްކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުން އެކަމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި އަދަބު ތަންފީޒު ކުރުމުގައި އެއްވެސް ވަރެއްގެ ލުޔެއް ނުދިނުމަށް ގޮވާލާފައިވެ އެވެ.
"ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުން އިތުރުވުން މި ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެކެވެ. މިފަދަ އަމަލުތައް ހުއްޓުވޭނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްގެން ކަމަށް ވާތީ މިފަދަ މައްސަލަތަކުގެ ތަހުގީގު ލަސްނުކުރުމަށާއި، އަދި އެ ފަރާތްތަކަށް ހައްގުވާ އަދަބު ތަންފީޒުކުރުމުގައި ލުއި ނުދިނުމަށްވެސް ގޮވާލަމެވެ. ހަމައެއާއެކު މިފަދަ ހިތާމަވެރު ހާދިސާތައް ދިމާވާ ކުދިންނަށް ނަފްސާނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފަރުވާތެރިކަމާއެކު ލަސްނުކޮށް ފުރިހަމައަށް ފޯރުކޮށްދި އެ ކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައްވެސް ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށް ގޮވާލަމެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.