ހަލީލްގެ އާއިލާއަށް ލިބުނު ފްލެޓްތަކުގެ އަދަދު މަދުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެޅި ފްލެޓްތަކުގެ ތެރެއިން ކުރީގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލުގެ އާއިލާގެ މީހުންނަށް ލިބުނު ފްލެޓްތަކުގެ އަދަދު މަދުވަމުން އަންނާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާގެ އާއިލާއަށް ފްލެޓް "ފުންޏެއް" ލިބިފައިވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. އެކަމަކު ހިތާމައަކީ އެ އަދަދު 37 އިން 28 އަށް މިފަހުން ވެއްޓުން ކަމަށް ވިދާޅުވެ ހަލީލް ވަނީ އެ އަދަދު ސުމަކަށް ވެއްޓުމުގެ ކުރިން ފްލެޓް ކޮބާތޯ ސުވާލު ކުރައްވާފައެވެ.
"Hiya Mashroou" ga alhuganduge aailaa ah flat funyeh libifavaakamah MDP ge baeh faraithakun ebabuney. Hithaama akee e adhadhu 37 in 28 ah mifahun vettifa vaakan. Sumakah badhaluvumuge kurin #Kobaflat? pic.twitter.com/WK06ZFskY4
— Dr. Abdulla Khaleel (@abkhaleel) June 12, 2020
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ފްލެޓްތައް ދީފައިވަނީ ހައްގުވެރިންނަށްތޯ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އެއް އުފައްދަވާފައެވެ. ނަމަވެސް މިހާތަނަށް އެ ލިސްޓަށް އުނި އިތުރުތަކެއް ގެނެސްފައިވާކަން ހާމައެއް ނުކުރެ އެވެ.
އެ ފްލެޓްތަކަށް އެތައް ހާސް ބަޔަކު ކުރިމަތިލީއިރު، ހަލީލުގެ އާއިލާގެ 37 މީހަކަށް ފްލެޓް ލިބުމުން އޭނާއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
އެކަމާއި ގުޅިގެން ހަލީލު ނެރުނު ބަޔާނުގައި ވަނީ އޭނާ ނިސްބަތްވާ ނިލަންދޫގެ 47 މީހަކަށް ފްލެޓް ލިބުނު ކަމަށާއި އޭނާގެ އާއިލާއަކީ ބޮޑު އާއިލާއެއް ކަމުން ފްލެޓް ލިބުނު މީހުންގެ ތެރޭގައި އެ އާއިލާގެ 37 މީހަކު ހިމެނޭ ކަމަށެވެ. އެކަމަކު އެއީ އޭނާގެ އެއްވެސް ނުފޫޒެއް ނެތި ހޯދި ފްލެޓްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.