ދުނިޔެ

ދެއްލީގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަސްލު އަދަދު ސިއްރު ކުރާ ކަމުގެ ތުހުމަތު!

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ސިއްރު ކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވެން ފަށައިފިއެވެ.

Ads by Sosun Fihaara

ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދެއްލީގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 984 އެވެ. ނަމަވެސް ބައިވަރު ޑޮކްޓަރުންނާއި ހޮސްޕިޓަލުތަކުން ތުހުމަތުކުރާ ގޮތުގައި ރަސްމީ އަދަދުތަކަސް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން ވަނީ މަރުވެފައެވެ.

މުނިސިޕަލް ކޯޕަރޭޝަން އޮފް ދެއްލީ(އެމްސީޑީ) އިން ބުނި ގޮތުގައި މަދުވެގެން 2098 މީހަކު ކޮވިޑް ޖެހިގެން ދިއްލީން ވަނީ މަރުވެފައެވެ.

އެމްސީޑީގެ ޗެއާޕާސަން ޖެއި ޕްރަކާޝް ބުނި ގޮތުގައި ދެއްލީގައި ހުންނަ ތިން އެމްސީޑީ އޮފީހުން ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި މާރޗު މަހުން ފެށިގެން ޖޫން 10 ވަނަ ދުވަހާ ހަމައަށް ކޮވިޑް ޖެހިގެން މަރުވި 2098 މީހަކު ވަނީ އަންދާލާފައެވެ.

ރަސްމީ އަދަދުތަކާ އަންދާލާ މީހުންގެ އަދަދުތަކާ ދިމާ ނުވުމުގެ ސަބަބުން ދެއްލީގެ ސަރުކާރުން ވަނީ ކޮވިޑަށް ޝައްކު ކުރެވިގެން މަރުވާ މީހުންގެ ޓެސްޓު ނުހަދަން ނިންމާފައެވެ. ނަމަވެސް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ވަނީ މި ނިންމުން ބާތިލު ކޮށްފައެވެ. އެ ކައުންސިލުން ބުނީ މަރުވާ މީހުންނާއި ދިރިތިބި މީހުންގެ ތެރެއިން ވެސް ކޮވިޑަށް ޝައްކުވާ އެންމެން ވެސް ޓެސްޓު ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން ދެއްލީގެ ސަރުކާރުން ވަނީ މިދިޔަ މަހުން ފެށިގެން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި މަރުވާ މީހުންގެ ޑޭޓާ ކޮންމެ ދުވަހަކު އާންމު ކުރުން ވެސް ހުއްޓާލާފައެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމާއެކު، ދިއްލީގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރު ވާން ފަށާފައެވެ.

ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ތަކުގައި ދިއްލީ އިން ފެންނަ ކޭސްތައް އިތުރު ވަމުންދާނެއެވެ. އެޤައުމުގެ ޑެޕިއުޓީ ޗީފް މިނިސްޓަރ މަނީޝް ސިސޯޑިއާ ވިދާޅުވި ގޮތުގައި ޖޫން މަހުގެ ނިޔަލަށް އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު 550،000 އަށް އަރާފާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!