ދުނިޔެ

ލޮކްޑައުން ނިމުމުން ޗުއްޓީއަށް ދަނީ ކޮންތާކަށް؟ މި ގައުމުތަކުން ޗުއްޓީއަށްދާ މީހުނަށް ފައިސާގެ އެހީ ދޭނެ

ދެން އެމްވީ ، ދެން އޮންލައިން

ގިނަ ދުވަސް ތަކަކަށް ދިގުދެމިގެން ދިޔަ ލޮކްޑައުން ބައެއް ގައުމުތަކުން އުވާލިނަމަވެސް، ގިނައީ އެކަން ދަމަހައްޓަމުންދާ ގައުމުތަކެވެ. ހުރިހާގައުމެއްގެ މީހުންވެސް ތިބީ މިކަމުން މިންޖުވުމުން ޗުއްޓީއަކަށް ދިއުމަށް އެދިއެދި އެވެ. ނަމަވެސް ދާންވީތަނެއް ނިންމާނީ ރައްކާތެރިކަމާއި ، އަގަށްވެސް ބަލާފައެވެ.

Ads by Sosun Fihaara

ކޮރޯނާވައިރަސްގެ ވަބާގެ ސަބަބުން ކޮންމެ ފެންވަރެއްގެ މީހަކަށްވީ ނަމަވެސް މާލީދަތިތައް ވަނީ ކުރިމަތިވެފައެވެ. މިފަދަ ދަނޑިވަޅެއްގައި އެއްވެސް ގައުމަކުން ނުވަތަ ހޮޓަލަކުން އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފައިސާގެއެހީ ދީފާނެ ކަމަށް ގަބޫލު ކުރެވޭހެއްޔެވެ؟

ތިރީގައިވާ ގައުމުތަކުން އެގައުމުގެ ފަތުރުވެރިކަން އަލުން ފެށުމަށް ކުރާ ކެމްޕޭންގެ ތެރެއިން ފައިސާގެ އެހީތެރިކަން ދޭންވަނީ ނިންމާފައެވެ.

ކަންކޫން- މެކްސިކޯ:

ކަންކޫން އިން ހޮޓާ ބުކް ކުރުމުން ފައިސާ ދައްކާ ކޮންމެ ދެ ރެއަކަށް އިތުރު ދެ ރޭ ހިލޭތިބުމުގެ ފުރުސަތުލިބެއެވެ. ބޮޑު ދެމީހުނަށް ފައިސާ ދެއްކުމުން ކުޑަދެކުދިން ތިބުމުގެ ޚަރަދު ހޮޓަލުގެ ފަރާތުން އުފުލާނެއެވެ. ކާރު ކުއްޔަށް ހިފާނަމަވެސް ދެ ދުވަހަށް ފައިސާ ދެއްކުމުން އިތުރު ދެ ދުވަސް ހިލޭލިބޭނެއެވެ. ގޮލްފް ކޯސް، ސްޕާ އަދި ދާރުސް އަސާރުތަކާއި ތީމްޕާކްތަކަށް ވަންނަ ޓިކެޓުން 20 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. ސަލާމަތީ ފިޔަވަޅުތަކާއި އެކު ކަންކޫން ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ނެވާޑާ-ލަސްވެގަސް:

ލަސްވެގަސް ހުޅުވާލުމާއިއެކު، ސިއްޙީމާހިރުންގެ އިރުޝާދުތަކަށް ބެލުމެއްނެތި ގިނަބަޔަކު ވަނީ އެގައުމުގެ ކެސީނޯތައް ފުރާލާފައެވެ. ލަސްވެގަސްގެ މަޝްހޫރުވިޔަފާރިވެރިއެއްކަމަށްވާ ޑެރެކް ސްޓީވަންސް ވަނީ އެގައުމަށް ދަތުރުކުރަން ބޭނުންވާ 1000 މީހަކަށް ހިލޭ ފްލައިޓް ޓިކެޓްދިނުމަށް ހުޅުވާލާފައެވެ. މިކަން ހާމަކުރަމުން ސްޓީވަންސް ބުނީ، ލަސް ވެގަސްއަކީ ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލުކަމަށާއި، އެހެން ކަމުން ލޮކްޑައުން ނިމިމުމުން ގިނަ ބަޔަކު އެތަން ބަލާލަން ދިއުމުގެ ފުރުސަތިފަހިކޮށްދޭން ބޭނުންވާ ކަމަށެވެ.

ޖަޕާން:

ޖަޕާނުންވަނީ އެތަނުގެ އެތެރޭގެ އުދުހުންތަކުގެ ޚަރަދުން ސަބްސިޑީ ދޭނެކަން ހާމަކޮށްފައެވެ. މިކަމަށް އެގައުމުން ވަނީ 12.5 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައެވެ. މީގެ އިތުރުން ކާތަކެތީގެ ވައުޗަރ ގަތުމުން 20 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. މިވަގުތަށް ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓިފައި އޮތުމުން މި އިނާޔަތްތައް ލިބެނީ ހަމަ އެކަނި އެގައުމުގައި ދިރިއުޅޭ ފަރާތްތަކަށެވެ.

ސިސިލީ- އިޓަލީ:

ކޮރޯނާވައިރަސްގައި އެންމެ ބޮޑު އެއް ގެއްލުމެއް ލިބުނު ގައުމުތަކަށްވާ އިޓަލީ އިން ވަނީ އެގައުމު ހުޅުވާލާއިރަށް ޓޫރިސްޓުން ގެނައުމަށް 50 މިލިއަން ޔޫރޯގެ ސްކީމެއް ތައްޔާރުކޮށްފައެވެ. މި ސްކީމްބޭނުން ކުރާނީ ފްލައިޓްތަކުން ބޮޑެތި ޑިސްކައުންޓް ދިނުމަށާ، ދާރުލް އާސާރު ތަކަށް ހިލޭ ވަނުމަށާ، ފައިސާ ދައްކާ ކޮންމެ 3 ރެއަކުން އެއް ރޭ ހިލޭ ތިބުމުގެ ފުރުސަތު ދިނުމަށެވެ. މި ފަދަ 4 ލައްކަ ވައުޗަރ ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އިޓަލީއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަބަޔަކު ޗުއްޓީ ހޭދަކުރުމަށް ފުރަތަމަ އިޚްތިޔާރު ކުރާނޭ މަންޒިލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!