ދުނިޔެ

އިންޑިޔާގައި މީގެ 50 ހާސް އަހަރު ކުރިން އުފެދުނު ކުޅި އެއްގެ ކުލަ ކުއްލިއަކަށް ފެހިކުލައިން ފިޔާތޮށި ކުލައަށް ބަދަލުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

50 ހާސް އަހަރު ކުރިން ބޮޑު ދުންތަރިއެއްފަދަ އެއްޗެއް ވެއްޓިގެން، އިންޑިޔާގައި އުފެދުނު ކަމަށް ބެލެވޭ ކުޅިއެއްގެ ކުލަ ފެހި ކުލައިން ފިޔާތޮށިކުލައަށް އެންމެ ދުވަހަކުން ބަދަލުވުމުން ސައިންވެރިނަށްވަނީ ބޮޑު ހައިރާންކަމެއް ގެނެސްދީފައެވެ. މިއީ އަބަދުވެސް ފެހި ކުލައިގައި އޮންނަ ކުޅިއެކެވެ. ކުއްލިއަކަށް މިހެން ކުލަ ބަދަލު ވުމުގެ ސަބަބެއް ކަމަށް ސައިންވެރިން ލަފާކުރަނީ ފެނުގައި ލޮނުހިމެނޭ މިންވަރު ކުއްލިއަކަށް މަތިވުން ނުވަތަ ކުޅީގައި "އަލްގޭ" އިތުރުވުމެވެ. ނޫންނަމަ މި ދެކަންތައް އެއްފަހަރާ ވުމުންވެސް މިހެން ދިމާވެދާނެކަމަށް ލަފާ ކުރެވެއެވެ.

Ads by Sosun Fihaara

ލޯނަރ ލޭކްގެ ނަމުން ނަންދެވިފައިވާ މި ކުޅީގެ ފެނުގެ ސާމްޕަލް ނަގައިގެން މިކަމުގެ ހަގީގަތް ހޯދުމަށް މިހާރު ދަނީ ތަހުލީލުތައް ކުރެވެމުންނެވެ. ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މިގޮތަށް ހުންނަ ކުޅިތަކުގައި ލޮނުގެ މިންވަރު މަތިވެ، އެތަނަކީ ބައެއް ބާވަތުގެ ބެކްޓީރިޔާއަށް އެކަށީގެންވާ މާހައުލަކަށް ވުމުން، އެފަދަ ބެކްޓީރިޔާ ގިނައިން އާލާވާނެއެވެ. އޭގެ އެއް ބެކްޓީރިޔާއަކީ "ހެލޮބެކްޓިރިއޭސިއައި" އެވެ. މި ބެކްޓިރިޔާއިން ވަރަށް ގަދަ ރަތްކުލައެއްގެ ޕިގްމަންޓެއް އުފައްދާ އެ ޕިގްމަންޓްގެ ޒަރީޔާއިން އިރުގެ އަލިއެއްކޮށްގެން އެއިން ހަކަތަ އުފައްދައެވެ. މި ބެކްޓީރިޔާ ގިނަ އަދަދަކަށް އުފެދިއްޖެނަމަ ކުޅިގެ ކުލަ މިގޮތަށް ބަދަލުވުމަކީ ވަރަށް ގާތްކަމެކެވެ.

އިންޑިޔާގައި ދިގުދެމިގެންދާ ލޮކްޑައުންގެ ސަބަބުން ފެކްޓްރީތައް ބަންދުވެފައި އޮތުމުން ޖައްވު ސާފުވެފައިވާތީ އެކަމުގެ އަސަރެއްވެސް ކޮށްފާނެކަމަށް ކަމާބެހޭ މާހިރުން ގަބޫލުކުރެއެވެ. އެގައުމުގެ މަހާރާޝްޓްރަ ބާބާސާހެބް އަމްބޭކަރ ޔުނިވަރސިޓީގެ ޖިއޮގްރަފީ ޑިޕާޓްމަންޓްގެ އިސްވެރިޔާ މަދަން ސޫރިޔަވަންޝީ ހާމަ ކުރި ގޮތުގައި ލޮކްޑައުންގެ ސަބަބުން މިހިސާބުގައި އިންސާނުންގެ އެއްވެސް ހަރަކާތެއް ނުހިނގާ އޮތުމުން ވެސް މިގޮތަށް ކުއްލިއަކަށް ކުލަ ބަދަލުވާން މަގުފަހި ވެދާނެއެވެ. ނަމަވެސް ސީދާ ސަބަބެއް ބުނަން އެނގޭނީ ތަޙުލީލުތައް ނިމުމުން ކަމަށް މަދަން ހާމަ ކުރިއެވެ.

މުމްބާއި އާއި 300 މޭލު ދުރުގައި އޮންނަ މި ކުޅިއަކީ އެގައުމުގެ މީހުންގެ އިތުރުން ފަތުރުވެރިންގެ މަގުބޫލު ތަނެކެވެ. މިކުޅީގައި ފޮސްފޮރަސްގެ މިންވަރު މަތި ވުމުގެ ސަބަބުން، ބިމުގައި އެންމެ ފުރަތަމަ ދިރުން އުފެދެން ފެށީ މިތަނުންކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.

ފޮސްފޮރަސްއަކީ ދިރުމެއް އުފެދުމަށް ބޭނުންވާ 6 ކެމިކަލް އެލިމެންޓް ގެ ތެރެއިން އެކައްޗެކެވެ. އަދި ޑީ.އެން.އޭ އަދި ރާ.އެން.އޭގެ އެންމެ މައިގަނޑު ބަޔަކީވެސް ފޮސްފޮރަސްއެވެ. ނަމަވެސް މިއީ ވަރަށް މަދުން ފެންނަ މިނެރަލްއެކެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!