ޚަބަރު

އެމްޑީޕީ އަށް ބޮޑު މެޖޯރިޓީއެއް ހޯދުމަކީ އަމާޒެއް: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ހޯދަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން މިހާރު ހއ.އަތޮޅާއި ހދ.އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގައި ރައީސް ސޯލިހު ވެސް މިހާރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެމްޑީޕީން ހއ.އަތޮޅަށް ޒިޔާރަތް ކުރުމަށްފަހު މިއަދު ވަނީ ހދ.އަތޮޅަށް ޒިޔާރަތް ކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ދަތުރުފުޅާއި ގުޅިވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން އާއި އެމަނިކުފާނު މިހާރު ގުޅިވަޑައިގަތީ ކަމަށާއި އެގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ އެމްޑީޕީ އަށް ބޮޑު މެޖޯރިޓީއެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ވެގެންދާނީ އެކަން ގަބޫލުކުރާ ބަޔަކު ކައުންސިލްތަކަށް އިންތިހާބު ކޮށްގެން. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބުވާނެ" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕޭނުގައި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން މިރޭގެ ވަގުތެއްގައި ހދ.ކުޅުދުއްފުއްޓަށް އެމްޑީޕީގެ ޓީމު ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު މާދަމާ ރޭ އެ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!