އިންޑިޔާގެ ހޮސްޕިޓަލެއްގެ މޯޗަރީގެ އޭސީ ހަލާކުވެ ގަބުރުތައް ކުނިވަނީ
އިންޑިޔާގެ ވެސްޓް ބެންގޯލް ބިރްބޫމްގެ ހޮސްޕިޓަލެއްގެ މޯޗަރީގެ އޭ.ސީ ހަލާކުވެ އެތަނުގައި އޮތް 13 ގަބުރު ކުނިވާން ފަށައިފިއެވެ.
މިކަން ހާމަވެފައިވަނީ މިތަނުން ޚިދުމަތް ހޯދަންދާ މީހުން މިކަން ފާހަގަ ވެގެން ޝަކުވާ ކުރަން ފެށުމުންނެވެ. ކުނިވަމުންދާ ގަބުރުތަކުގެ ވަހުން އެހިސާބުގައި ކެތްކޮށްލުން އެއީ ވާވަރު ކަމެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރިއެވެ. ހޮސްޕިޓަލް ކައިރީގައި އަޑު އުފުލި މީހުންބުނީ އެތަނުން ދުވާ ވަހުގެ ސަބަބުން މީހުންނަށް ސިއްޙީ މައްސަލަތައް ޖެހުންވެސް އެކަށީގެންވާ ކަމަށެވެ.
އޭސީ ހަލާކުވިކަން ޔަގީން ކޮށްދެމުން ބޯލްޕޫރު ސަބްޑިވިޝަނަލް ހޮސްޕިޓަލުން ހާމަ ކުރިގޮތުގައި އެތަނުގެ ފިނިކުރާ ނިޒާމް މަސައްކަތް ކުރުން ހުއްޓިފައިހުންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެކަމަށާ، އެކަން ރަނގަޅު ކުރުމަށް މަރާމާތު ކުރާ ބަޔަކާ ވާހަކަވެސް ދެކެވުނު ކަމަށާ ނަމަވެސް މިހާރު އެތަނުގައި ކުނިވެފައިވާ ގަބުރުތައް ހުރުމުން އެ ނެގުމުން ނޫނީ އޭ.ސީ މަރާމާތުކުރާ މީހުން އެތަނަށް ނުވަންނާނެކަމަށް ކަމަށްވަނީ ބުނެފައެވެ.
މިކަން ފެންމަތިވެފައިވަނީ، ކަލްކަތާގެ މުނިސިޕަލް ކޯޕަރޭޝަންގެ މުވައްޒަފުން، ވަރަށް ބޮޑަށް ކުނިވެފައިވާ ގަބުރުތަކެއް، އަންދާލުމަށް ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް މީސްމީޑިޔާގައި އާންމު ވުމާއި ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން ބެންގޯލްގެ ގަވަރނަރ ޖަގްދީޕް ދާންކަރ ކުރި ޓްވީޓެއްގައި ބުނީ، ވީޑިއޯއިން ފެންނަނީ ރަހުމެއް ނެތްގޮތުގައި ގަބުރުތަކެއް ނައްތާލެވޭ މަންޒަރު ކަމަށާ އެކަމަށް ޖަވާބުދާރީ ނުވެވޭނެ ކަމަށެވެ. ނަމަވެސް ކަމާބެހޭ އިދާރަތަކުން ވަނީ މިއީ ކޮވިޑް-19 ޖެހިގެން މަރުވިމީހުންގެ ހަށިތައް ނޫންކަމަށް ބުނެފައެވެ.
މިކަން ހާމަކޮށް ވެސްޓް ބެންގޯލްގެ ހެލްތު ޑިޕާޓްމަންޓުން ކުރި ޓްވީޓެއްގައިވަނީ ވީޑިއޯގައި ފެންނަ ގަބުރު ތަކަކީ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ގަބުރުނޫންކަމަށާ، އެއީ އެހެނިހެން ބަލިތަކުގައި މަރުވި މީހުންގެ ތެރެއިން ހަވާލުވާނެމީހަކު ނެތިފައިވާ ގަބުރުތަކެއް ކަމަށެވެ. އަދި މިކަމުގައި ސާބިތު ނުހިފޭ ވާހަކަ ފަތުރާ މީހުނާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް އިންޒާރުދީފައިވެއެވެ.