ދުނިޔެ

ލޮކްޑައުންގައި މީހުން އެނދުމަތީގައި ހޭދަކުރާ ވަގުތު އިތުރުވިނަމަވެސް ރަނގަޅަށް ނިދޭ ވަގުތު މަދު – ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސްގެ ސަބަބުން ގައުމުތަކުގައި ގާއިމްކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ވަޒީފާ އާއި ކިޔެވުމުގެ އިތުރުން އިޖުތިމާޢި އެއްވުންތަކަށް ދިއުން ހުއްޓުމާއި ގުޅިގެން މީހުން އެމީހުންގެ ގެތަކުގައި ހޭދަކުރާ ވަގުތު ގިނަ ވުމުގެ ސަބަބުން އެނދުމަތީގައި ހޭދަކުރާ ވަގުތު ގިނަވި ނަމަވެސް ރަނގަޅަށް ނިދޭ ވަގުތު މަދުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

މިދިރާސާގެ ބައިވެރިންގެ ފަރަތުން އެމީހުން ނިދާ ގަޑިތަކާއި ވަގުތާއި ނިދުމުގެ ފެންވަރާއި ބެހޭގޮތުންވަނީ ސުވާލު ކޮށްފައެވެ. ނަތީޖާއިން ދައްކާގޮތުން ލޮކްޑައުން ތެރޭގައި މީހުން ނިދާ ވަގުތުވަނީ އިތުރުވެފައެވެ. އަދި އެއްގަޑިއެއްގައި ނިދަން އޮށޯންނަކަން ވެސް ވަނީ ފާހަގަ ވެފައެވެ. ނަމަވެސް ރަނގަޅަށް ހަމަ ނިދި ނުލިބޭކަމަށް ގިނަމީހުންގެ ފަރާތުން ފާހަގަ ވިކަމަށް ސައިންޓިސްޓުންވަނީ ހާމަކޮށްފައެވެ.

މިދިރާސާގައި ބައިވެރިމީހުންގެ ތެރެއިން 75 އިންސައްތަ މީހުން ހާމަކުރިގޮތުގައި ކުރިއަށް ވުރެ 15 މިނިޓް އިތުރަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު ނިދެއެވެ. ނަމަވެސް ނިދޭ ވަގުތު އިތުރު ވުމާއި އެކު ނިދީގެ ފެންވަރު ވަނީ ދަށްވެފައެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ނަފްސާނީ ގޮތުން އުފުލަން ޖެހިފައިވާ ބުރައިގެ ސަބަބުން ވީ ގޮތެއްކަމަށް ސައިންސްވެރިން ބުނެއެވެ. ޔުނިވާރސިޓީ އޮފް ބޭސަލް އިން، މަރޗް 23 އިން އޭޕްރިލް 26 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިދިރާސާގައި 435 މީހަކު ބައިވެރި ކުރެވި އެމީހުންގެ ނިންޖަށް އައިބަދަލު ދެނެގަތުމަށް މަސައްކަތްކުރެވުނެވެ. މިހާރު ޝާއިޢު ކޮށްފައިވާ މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ގެއިން މަސައްކަތް ކުރަން ޖެހުނު މީހުން ވެސް، އޮފީހަށް ގޮސްގެން މަސައްކަތް ކުރި ދުވަސްވަރަށް ވުރެ ގިނައިން ނިދާކަމަށް ވަނީ މައުލޫމާތު ދީފައެވެ.

މިހުރިހާ ކަމެއްގެ މައިގަނޑު ސަބަބެއްކަމަށް ސައިންސްވެރިން ލަފާކުރަނީ "ސޯޝަލް ޖެޓްލެގް"އެވެ. ސޯޝަލް ޖެޓްލެގަކީ މަސައްކަތުގެ މާހައުލުން ލިބޭ ވަރުބަލި ކަމާއެކު ނިދި ގުރުބާންކޮށްގެން އާއިލާއަށް ވަގުތު ދިނުމުން ލިބޭ ވަރުބަލިކަމަށް ކިޔާނަމެކެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން މި ދެންކަންތައް އެކުގައި ކުރަން ނުޖެހުމުން ގިނަ މީހުން އެއްގަޑިއެއްގައި ނިދުން ވަނީ އާދައަކަށް ވެފައެވެ.

ސޯޝަލް ޖެޓްލެގް ދަށްވެފައި ވުމުން ރަނގަޅަށް ނިދޭނެކަމަށް ހީކުރި ނަމަވެސް ނަތީޖާއިން ފެންނަނީ އެއާ އިދިކޮޅަށް މިކަން ހިނގާފައިވާ ކަމަށެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ ގޭގައި އަބަދު ތިބެން ޖެހުމުން ޖިސްމާނީ ވަރުބަލިކަން ލިބޭ މަސައްކަތްތައް މަދުވުން ކަމަށްވެސް ބައެއް ތަޖުރިބާކާރުން ހާމަ ކުރެއެވެ. ބުރަ މަސައްކަތެއް ކޮށްލުމަށްފަހު ނިދަން އުޅުމުން ފަސޭހައިން ނިދިއައިސް އަދި އަރާމުގައި ގިނަ ވަގުތު ނިދޭކަމީ ކޮންމެ މީހަކު މެ ތަޖުރިބާ ކޮށްފައިވާ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!