ކޮވިޑް-19: ހަފްތާއެއް ތެރޭގައި އައްޑޫއިން ޓެސްޓު ކުރެވޭ ގޮތް ހަދަނީ
އައްޑޫ ސިޓީން ހަފްތާއެއްގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ފެށޭނެ ކަމުގެ ޔަގީންކަން ލިނިފައިވާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި އިންޓަވިއު އެއްގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރް މެޝިނެއް އައްޑޫ އަށް ގެނެސް ޓެސްޓު ކުރުމަށް ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އެމެޝިން ހަފްތާއެއްގެތެރޭގައި އައްޑޫގައި ބެހެއްޓިގެން ޓެސްޓު ހެދޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.
"ޕީސީއާރް މެޝިން ކުރިއަށް މިއޮތް ހަފްތާއެއްގެ ތެރޭގައި ބެހެއްޓިގެން ޓެސްޓު ހެދޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައި" ސޯބެ ވިދާޅުވިއެވެ.
ކޮވިޑް އަށް ޓެސްޓު ކުރެވޭނެ ގޮތް އައްޑޫގައި ވުމަކީ، އައްޑޫ ސިޓީގެ އިތުރުން ދެކުނުގެ ހުރިހާ ރަށަކަށް ވެސް ލިބިގެންދާ އުފާވެރި ޚަބަރެއް ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.