ޚަބަރު

ގްރޫޕް މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

އެ މާރާމާރީ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން މީގެކުރިން ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެގޮތުން 22 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް އަދި އުމުރުން 24 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 12 ދުވަސް ވަނީ ޖަހާދީފައެވެ.

މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން މާރާމާރީއާ ގުޅުން ހުރި އިތުރު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މާރާމާރީގެ ވީޑިއޯ އެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. ވީޑިއޯގައި ފެންނަނީ އެ ޒުވާނާ ގައިގައި 10 ވަރަކަށް މީހުންގެ ގްރޫޕަކުން ފައިންނާއި އަތުން ތަޅާ މަންޒަރާއި ސައިކަލެއްގައި ގޮސް ޖައްސާ މަންޒަރެވެ.

ހަމަލާ ދިން ގުރޫޕު އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ތަނަށް ފުލުހަކު ދިއުމުންނެވެ. އަދި އަނިޔާ ލިބުނު ޒުވާނާ ވެސް މަޑުމަޑުން ކޮޅަށް ތެދުވެ ހިނގާލާފައި ދާ މަންޒަރު ވެސް ފެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!