ކުޅިވަރު

ވާނާ ގަންނަން ބޭނުންވާ ފައިސާ ހޯދަން ޗެލްސީން ހަތްކުޅުންތެރިއަކު ދޫކޮށްލަނީ

ދެން އެމްވީ ، ދެން އޮންލައިން

ޖަރުމަންގެ ލިއެޕްޒިގަށް ކުޅެމުން އަންނަ ޓިމޯ ވާނާ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި މިވަގުތު އޮތީ ޗެލްސީއެވެ. އެޓީމުންވަނީ ޓިމޯ ވާނާގެ ކޮންޓްރެކްޓްގެ ރިލީސް ކްލޯސްގެ ފައިސާ ދައްކަން އެއްބަސްވެފައެވެ.

Ads by MWSC

ޗެލްސީން ވާނާ ގަންނަން ބޭނުންނަމަ 50 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެއެވެ. 23 އަހަރުގެ ފޯވާޑަށް ހަފްތާއަކު 2 ލައްކަ ޕައުންޑްގެ މުސާރައެއް ދޭން އެކުލަބުން އޮތީ ތައްޔާރަށެވެ. އަދި ޗެލްސީ އަށް މިހާރު މި ޑީލް ފުރިހަމަ ކުރަން ބޭނުންވަނީ ވާނާގެ ރުހުން ކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

ވާނާ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޗެލްސީން އޮތީ ކުލަބުގެ ބައެއް ކުޅުންތެރިން ވިއްކާލަން ތައްޔާރަށެވެ. މިގޮތުން ހަތް ކުޅުންތެރިއަކު މިހާރުވަނީ އެކުލަބުން ޝޯޓްލިސްޓްކޮށްފައެވެ. އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެކުޅުންތެރިންނަކީ ޕެޑްރޯ، ވިލިއަން، ޖޯގީނިއޯ، މާކޯސް އަލޮންސޯ، ކާޓް ޒޫމާ، ރޮސް ބާކްލޭގެ އިތުރުން މިޝީ ބަޓްޝުއާޔީއެވެ.

މި ކުޅުންތެރިންގެ ތެރެއިން ތެރެއިން ވިލިއަންއާއި ޕެޑްރޯ އެކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އަދި ކޮންޓްރެކްޓް އައުކުރަން ޗެލްސީން މިހާރު ބޭނުމެއް ނުވެއެވެ. ޖޯގީނިއޯ ވިއްކާލުން ގާތީ އިޓަލީގެ ޔުވެންޓަސްއަށެވެ. އަލޮންސޯ ހޯދުމަށް ސްޕެއިންގެ ކުލަބުތަކުން މަޝްވަރާކުރަމުން އަންނައިރު، ޒޫމާއާއި ބާކްލޭ ފެނުން ގާތީ ޕްރިމިއަރ ލީގުގެ އެހެން ކުލަބަކުންނެވެ. ބަޓްޝުއާޔީ ހޯދުމަށް ޖަރުމަންގެ ކުލަބުތަކުން އަންނަނީ މަޝްވަރާކުރަމުންނެވެ.

ކޯޗު ފްރެންކް ލަމްޕާޑް ބުނީ އަންނަ ސީޒަނަށް އޭނާ ތައްޔާރުކުރަން ބޭނުންވާ ޓީމަކީ ޒުވާން ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި، ބޭނުންވާ ކުޅުންތެރިން ހޯދާނީ މިހާރު ތިބި 30 މަތީގެ ކުޅުންތެރިން ވިއްކާލައިގެންނެވެ.

އެކުލަބުން މި ސީޒަން ނިމުމުގެ ކުރިންވަނީ އަޔެކްސްގެ ހަކިމް ޒިޔޭޝްގެ ސޮއި ހޯދާފައެވެ. އަދި އިތުރު މިޑްފިލްޑަރަކާއި ވިންގަށް ކުޅޭ ކުޅުންތެރިއެއް ވެސް ލަމްޕާޑް ގަންނަން ބޭނުންވެއެވެ. ޕްރިމިއަރ ލީގުގެ ކުލަބުތަކުގެ ތެރެއިން ޗެލްސީއަކީ އަންނަ ސީޒަންގައި އެންމެ ބޮޑު ބަދަލެއް ފެންނާނެ ކުލަބުކަމަށް ބެލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!