ޚަބަރު

ހުކުމް ލިޔުއްވާ ފަނޑިޔާރު އެނގޭ ގޮތަށް ހަދަނީ

ދެން އެމްވީ ، ދެން އޮންލައިން

ސުޕްރީމް ކޯޓުން ނިންމާ މައްސަލަތަކުގައި ހުކުމް ލިޔުއްވާ ފަނޑިޔާރަކީ ކޮން ބޭފުޅެއް ކަން އެނގޭ ގޮތަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފޯމެޓް ބަދަލުކުރަން އެ ކޯޓުން ނިންމައިފި އެވެ.

Ads by STELCO

ސުޕްރީމް ކޯޓުން ކުރި ޓްވީޓެއްގައި ބުނީ އެ ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން މިހާރު ހުކުމް ކުރަން ތާވަލް ކޮށްފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ހުކުމް ލިޔުއްވާ ފަނޑިޔާރަކީ ކޮން ބޭފުޅެއް ކަމާއި އެހެން ފަނޑިޔާރެއްގެ އިތުރު ރައުޔެއް ނުވަތަ ފާހަގަ ކުރައްވާ އިތުރު ކަމެއް އެ މައްސަލައަކާ ބެހޭ ގޮތުން އޮތް ނަމަ، އެކަން ވަކިން އެނގޭނެ ގޮތަށް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފޯމެޓް ބަދަލު ކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަތައް ނިންމާއިރު ކުރިން ވެސް، މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުންގެ ތެރެއިން ރައުޔު ތަފާތުވާ ފަނޑިޔާރުންގެ ރައުޔު މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގައި ވަކިން ހިމަނަ އެވެ. އެކަމަކު އަޣުލަބިއްޔަތު ރައުޔާއި ހުކުމް ލިޔުއްވާ ފަނޑިޔާރުގެ މައުލޫމާތެއް ކުރިން ނޯވެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަތައް ބަލާނީ އެންމެ މަދުވެގެން ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. އަދި ދުސްތޫރީ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކާއި އެހެނިހެން ބޮޑެތި އެހެން ބައެއް މައްސަލަތަކުގައި ފަސް ފަނޑިޔާރުންގެ ބެންޗަކުން ވެސް މައްސަލަ ބައްލަވަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!