ޚަބަރު

ކޮވިޑް-19: ހޯމަ ދުވަހު ފުރަބަންދު އުވައެއް ނުލާ، އިތުރު ލުއިތަކެއް ދެނީ!

ހޯމަ ދުވަހުން ފެށިގެން ފުރަބަންދު އުވާލަނީ ނޫން ކަމަށާއި، އިތުރު ލުއިތަކެއް ދެނީ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ 15 ޖޫންގައި ދެވޭ ލުއިތަކަކީ ފުރަބަންދު އުވާލުން ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާކަމަށެވެ. ނަމަވެސް އެދުވަހު ފުރަބަންދު އުވާލަނީ ނޫންކަމަށާއި، ނިންމާފައިވަނީ އެދުވަހުން ފެށިގެން ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް އެކަނިކަމަށެވެ.

އިތުރު ލުއިތައް ދިނުމުން ވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް އަމަލުކޮށް، އަލުން ކޮވިޑް-19ގެ ކޭސްތައް އިތުރުވިޔަނުދީ ހިފެހެއްޓުމަށް ކުރިން ދައްކާފައިވާ މިސާލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މިދިޔަ ދެހަފްތާގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމުން ބައެއް މީހުންގެ އަމަލުތައްހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި އެގޮތުން މާގިނައިން އެކި ތަންތަނަށް ދިއުމާއި، ގޭގޭގެ ދޮރުމަތީގައި އެއްވެތިބުމާއި ގިނަ މީހުން ވާހަކަ ދައްކަން އެއްތަނެއްގައި ތިބޭ މަންޒުތައް ފެނިފައިވާކަމަށެވެ.

"މިއީ އެންމެ ރަގަނޅު ގޮތެއް ނޫން. މިގޮތަށް ގިިނަ ތަންތަނަށް ގޮސް އުޅެނިކޮށް ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ ކޮންޓެކްޓްވާ މީހުންގެ އަދަދު ގިނަވެ އިތުރު ބަޔަކަށް ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!