ޚަބަރު

ނިއު ނޯމަލް؛ ސްކޫލްތަކުގައި ކިޔަވައިދޭނީ 4 ދުވަހު ދުވާލަކު 4 ގަޑިއިރު!

ދެން އެމްވީ ، ދެން އޮންލައިން

ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭނީ ހަފްތާއަކު ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހުކަމަށާއި ފަސް ވަނަ ދުވަހު ސްކޫލަށް ޓީޗަރުން ހާޒިރުވެ ކިޔަވައިދޭނެ ބައިތައް ތައްޔާރު ކުރާނެ ކަމަށެވެ. މިއީ ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް ގެންނަ ބަދަލެއް ކަމަށް ބުނެފައިވެއެވެ.

ސްކޫލުތައް އަލުން ހުޅުވާލުން ބަހާލާފައި ވަނީ ތިން ކެޓެގަރީއަކަށެވެ. އެގޮތުން ފުރަތަމަ ކެޓެގަރީގައި ލޮކްޑައުންގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ވެސް ބަންދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކީީސްޓޭޖް ހަތަރެއް އަދި ފަހެއް ގެ ދަރިވަރުންނަށް އެކަނި ކިޔަވައިދޭން ނިންމާފައިވާއިރު ކޮވިޑް-19 ގެ ކޭސްތައް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭނެކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮންމެ ދުވަހަކު ވެސް ގިނަވެގެން ކިޔަވައިދެވޭނީ ހަތަރު މާއްދާ ކަމަށްވާއިރު، ކްލާސްރޫމުގައި ކިޔަވައިނުދެވޭ ބައިތައް ފުރިހަމަކުރަން ގޫގުލް ކްލާސްރޫމް ބޭނުން ކުރަންޖެހެއެވެ. އެގޮތުން ކޮންމެ ދެ ހަފުތާއިން އެއް ހަފްތާގައި ޓީޗަރުންނަށް އޮންލައިން ކްލާސްތައް ވެސް ބާއްވާނެ އެވެ.

އަދި ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަންކަން ހަމަޖެއްސުމަށްވެސް ސްކޫލްތަކަށް ވަނީ އަންގާފައެވެ.

މި ސާކިއުލާގައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ލިބުނުހާ އަވަހަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!