ސިކްސް ޕެކް ހުރި ހަ އަހަރުގެ ކުއްޖަކަށް ބޮޑު މަގުބޫލު ކަމެއް
އާންމުކޮށް ކަސްރަތު ކޮށް ސިކްސް ޕެކް ޖެހުމަށް މަޝްހޫރުވެފައި އޮންނަނީ ޒުވާނުންނެވެ. ނަމަވެސް މި ފަހަރު އާންމުން ގެ ސަމާލުކަން ހޯދީ ސިކްސް ޕެކް ހުރި ހަ އަހަރުގެ ފިރިހެން ކުއްޖެކެވެ.
އީރާނުގެ އާރަތު ހުސެއިނީ ނަމަކަށް ކިޔާ މި ކުއްޖާ ގެ މިހާރު އިންސްޓަގްރާމް ގައި 4.1 މިލިއަން ފޮލޮވާސް ތިބެއެވެ. އީރާނަށް އުފަންވި ނަމަވެސް އާރަތް އާއި އޭނާގެ އާއިލާ ވަނީ 2019 ވަނަ އަހަރު ވަރަށް ބުރަ މަސައްކަތުން އިނގިރޭސި ވިލާތަށް ބަދަލުވެފައެވެ. އަދި މިހާރު އާރަތް ދަނީ ލިވަޕޫލް އެފްސީގެ އެކަޑަމީ އިން ތަމްރީން ވަމުންނެވެ.
އާރަތު އެންމެ ފުރަތަމަ މަޝްހޫރު ވީ އޭނާ ކުޑައިރު ޖިމްނާސްޓިކްސް ޖެއްސި ވީޑިއޯ ތައް މީސް މީޑިއާ ގައި އޭނާ ގެ ބައްޕަ ހިއްސާކުރި ހިސާބުންނެވެ. އާރަތު ގެ ބައްޕަ އަންނަނީ އާރަތު ގެ އުމުރުން 9 މަހުން ފެށިގެން އޭނާއަށް ޖިމްނާސްޓިކްސް ދަސްކޮށްދެމުންނެވެ.
އެއަށް ފަހުން ދެން އާރަތު އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދީ މޮޅު ހުނަރުތަކަކާއެކު ފުޓުބޯޅަ ކުޅުނު ވީޑިއޯ އަކުންނެވެ. ނަމަވެސް އާރަތުގެ ދިގު އިސްތަށިގަނޑުގެ ސަބަބުން ގިނަ ބަޔަކު ހީކުރީ އާރަތު އަކީ އަންހެނުން ކުއްޖެއް ކަމަށެވެ.
އާރަތުގެ ބައްޕަ ބުނި ގޮތުގައި ފުރަތަމަ އާރަތުއަށް އިންސްޓަގްރާމް އެކައުންޓު ފެށިއިރު މިހާ ބޮޑު ތަރުހީބެއް ލިބިދާނެ ކަމަކަށް ހީ ނުކުރާ ކަމަށެވެ. ނަމަވެސް އެކައުންޓު ފެށުމާއެކު އީރާނުގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.