އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ޚާއްސަ ކުރި ނިންމުން ރަނގަޅު : ހައިކޯޓު

ކައުންސިލު އިންތިހާބުގައި އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ޚާއްސަ ކުރި ނިންމުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، މޫސާ އަންވަރެވެ. އޭނާ ބުނީ އެއިން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިވާ ކަމަށެވެ.
އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ބުނެފައި ވަނީ، ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހިިމާއި ހުސައިިން ޝަހީދުގެ އިތުރުން ހާތިފް ހިލްމީ އެވެ. ޝަރީޢަތުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ނިޔާޒެވެ.