ރިޕޯޓް

ވިޒިޓް ލާމް އެޓޯލް: ވީޑިއޯ ލަވަ ބަލާފަ، ކޮންމެ މީހަކުވެސް ލާމަށް ދާހިތްވާނެ!

ދެން އެމްވީ ، ދެން އޮންލައިން

ލާމު އަތޮޅު އަބަދުވެސް ފާހަގަ ވެފައިވަނީ، އެއަތޮޅުގެ ރަށްތަކަށް ލިބިފައިވާ ޤުދުރަތީ ރީތި ކަމަށެވެ.

Ads by STELCO

ފެހިކަން ގަދަ ގަސްގަހާއި ގެއްސާއި، ނޫވިލުތަކާއި، އެދޮންވެލި ތުނޑީގެ ހުދު ހިމުން ދޮންވެލިތައް ފެންނަ ކޮންމެ މީހަކު އާޝޯޚު ކުރުވައެވެ.

ލާމު އަތޮޅުގެ މިހިތްގައިމު ރީތިކަން "ވިޒިޓް ލާމު އެޓޯލް" ގެ ފަރާތުން މިވަނީ ދައްކާލާފައެވެ.

"ވިޒިޓް ލާމު އެޓޯލް ތީމް ސޯންގް" ގެ ވީޑިއޯ މިހާރު އާއްމުކޮށްފައިވާއިރު، އެލަވަ ބެލުމަށްފަހު ވެސް ގިނަ މީހުން ލާމު އަތޮޅަށް ދާހިތްވާނެކަން ޔަގީނެވެ.

މިހިތްގައިމު ލަވައިގެ ވީޑިއޯގްރާފަރ އަހުމަދު އަރްޝަދު "ދެން" އަށް މައުލޫމާތު ދެމުން ބުނީ، މިއީ އޭނާ މިފަދައިން ހެދި އެންމެ ފުރަތަމަ ޕްރޮޖެކްޓު ކަމަށެވެ.

ލާމު އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކޮށްގެން އުފެއްދި އެވީޑިއޯ ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ޑްރޯން އަކުންނެވެ. އަދި އެމަންޒަރުތައް ނެގުމަށް އަރުޝަދާއެކު އިނާން ވެސް ބައިވެރިވި ކަމަށް އޭނާ ބުންޏެވެ. ނެގި މަންޒަރުތައް އެޑިޓު ކޮށްފައިވަނީ އިނާން އެވެ.

ރަށްތަކުގެ މަންޒަރުތައް ނެގުމަށާއި ވީޑިއޯ އެޑިޓުކޮށް މުޅި ވީޑިއޯ އެއްކޮށް ނިންމުމަށް ނެގީ އެއް މަސް ދުވަހެވެ.

މިފަދަ ބޮޑު ޕްރޮޖެކްޓެއް ދެމީހަކު އެކަނި ނިންމިއިރު ދިމާވެދާނެ ދަތި ތަކެއް ވެސް ހުންނާނެއެވެ. އެގޮތުން އަރުޝަދު ބުނި ގޮތުގައި އެމީހުންނަށް ދަތިކަމާއި ދިމާވީ ދިޔަ ހުރިހާ ރަށެއްގައި އެކުވެރިން ނުތިބުމެވެ.

" ބޮޑަށް ދިމާވި ދަތިކަމަކީ އަތޮޅުގެ ހުރިހާ ރަށެއްގައި ރަށްޓެހިން ނުތިބުން. ރަށްރަށަށް ގޮއްސަ އެރަށެއްގައި ހުންނަ ފާހަގަ ކޮށްލެވޭ ތަންތަނަކީ ކޮބައިކަން ފުރަތަމަ ގޮއްސަ ނޭނގޭ. މިބުނީ އެތަންތަން އޮންނަނީ ސީދާ ކޮން ދިމާލެއްގައިކަމެއް ނޭނގޭ. އެހެންވެ ރައްޓެހިން ނެތީމަ ކޮންމެވެސް ވަރަކަށް ދަތިވި. އެކަމަކު އަނެއްހެން ކީއްކުރާ ބައެއްކަން ބުނީމަ ރަށުގެ ކޮންމެ މީހަކުވެސް ވަރަށް ސަޕޯޓިވް. މަންޒަރުތައް ނަގާފައިވާނީ ބައެއް ރައްޔިތުންނާއި ވާހަކަ ދައްކާލައިގެން އެހީތެރިކަން ލިބިގެން. ވީޑިއޯއަށް މަންޒަރުތައް ނަގައި ނިމުން އިރު ރަށްޓެހިންވެސް ހުރީ ލިބިފަ. އެގޮތުން އެންމެ ފާހަގަވަނީ ލ. ހިތަދޫ" އަރުޝަދު ބުންޏެވެ.

މީގެއިތުރުން އަރުޝަދު ބުނީ ބައެއް ރަށްރަށަށް ދިޔުމުގެ ކުރިން އެރަށްރަށަށް ދާން އުޅޭކަން ކައުންސިލަށް އެނގިފައިވާ ކަމަށެވެ.

"ރަށުގައި ހުރުން ވެސް ހަމަޖައްސާ ދީފައިވަނީ އެރަށުގެ ކައުންސިލުން. ވިޒިޓް ލާމުގެ ފަރާތުން ފަންޑު ކޮށްފައިވަނީ ދަތުރުފަތުރާއި، ހުރުމާއި ކެއުން. ރަށްތަކުގައި ތިބީ ކުއްޔަށް" އަރުޝަދު ބުންޏެވެ.

ތޮލާގް، މަސްޓޭ، އުބޭ، ޖައިޝާ އަދި މުސްލިމާ ކިޔައިދީފައިވާ "ވިޒިޓް ލާމު އެޓޯލް" އޮފިޝަލް ލަވައިގައި ލ. އަތޮޅުގެ ރީތިކަން އިންތިހާއަށް ދައްކައިދީފައިވެއެވެ. މިފަދަ ބޮޑު ތަޖުރިބާއެއް ކުރެވުމުން ކުރެވުނު އިހުސާސްތައް ވެސް އަރުޝަދު ވަނީ ޙިއްސާ ކޮށްފައެވެ.

"މިއީ ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް. މިއީ ފުރަތަމަ ޕްރޮޖެކްޓު. ވިޒިޓް ލާމުގެ ފަރާތުން މިޕްރޮޖެކްޓު އަސްލު ދިނީ އަތޮޅު ބަޔަކަށް ވީޑިއޯގްރަފީ ދޭން ވެގެން. އަތޮޅު ކުދިން މިކަމުގައި ބައިވެރިކޮށް، އަތޮޅު ކުދިން މިކަމުގައި ކުރިއަރައި ދިޔުމަށް ހަވާލު ކުރީމަ ވަރަށް އުފާވި. މިމަސައްކަތުގައި ހުރިހާ ރަށަކަށް ދެވުމާއި، ރަށްރަށުގެ ތަރައްޤީ އާއި ތަފާތު ފެނުނީމަ ވަރަށް ބޮޑު ތަޖުރިބާއެއް ކުރެވުނީ. ވިޒިޓް ލާމަށް އެހެންވެ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މިފަދަ ބޮޑު ފުރުސަތެއް ދިނީތީ" ނިންމާލަމުން އަރުޝަދު ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!