ޚަބަރު

މަސްވެރިކަމާ ގުޅޭ 9 ބާވަތެއްގެ މަޝްރޫއު ފެށުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ނަގަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސްވެރިކަމާ ގުޅުން ހުރި 9 މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނެގުމަށް އެމިނިސްޓްރީން އަންގައިފިއެވެ.

Ads by MWSC

ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ މަސްވެރިކަމާ ގުޅުންހުރި 9 މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭނެ ކަމަށާއި އެކަމުގެ ބޭނުމަކީ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީން އެއްކޮށް ބަލަހައްޓަމުން ގެންދިޔުމެވެ. އެކަމުގެ މަޤްޞަދަކީ، އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ރާވާ މަޝްރޫޢުތަކަކީ، މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ މަޝްރޫޢުއެއް ކަމުގެ ޔަޤީންކަން އެމަޝްރޫޢު ރާވައި ކުރިއަށް ގެންދާ ފަރާތަށް ދިނުން ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ހުއްދަ ނަގައިގެން ހިންގަން ޖެހޭ މަޝްރޫއުތަކުގެ ތެރޭގައި :

  1. މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫޢުތައް
  2. ގޭދޮށު މަސްފެކްޓަރީ ޤާއިމް ކުރުމުގެ މަޝްރޫޢުތައް
  3. މަސްވެރިންގެ އަތުން މަސްގަނެ މަސްފިނިކޮށް، ގަނޑުކޮށް، ރައްކައުކުރުމަށް ހިންގާ މަޝްރޫޢުތައް
  4. މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ޤާއިމް ކުރުން.
  5. ފާނަކޮށި އެޅުން ނުވަތަ ކޮށިއަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫޢުތައް
  6. އެކުއަކަލްޗަރ ކުރުމާއި އެކުއަކަލްޗަރއާ ގުޅުންހުރި މަޝްރޫޢުތައް
  7. ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫޢުތައް
  8. އެކްސްޕޯޓްކުރުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް މޫދުގައި އުޅޭ އެކުއޭރިއަމް ފިޝް ނުވަތަ ދިރޭ ކުދިމަސް ބަންދުކުރުމަށް ފެސިލިޓީ ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުތައް
  9. ކަނޑުގެ ދިރުންތައް ނުވަތަ މަސްވެރިކަމާ ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގޭ މަޝްރޫޢުތައް ހިމެނެއެވެ.

މަސްވެރިކަމާއި ގުޅުންހުރި ޙަރަކާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ފެތޭ މަސްވެރިކަމުގެ މަޝްރޫޢުއެއް ފެށުމަށް ޤަސްދުކުރާ ފަރާތްތަކުން އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު ގެ ދަށުން ހުއްދަ ނަގައިގެން ޢަމަލީ މަސައްކަތް ފެށުމަށް މިނިސްޓްރީއިން ވަނީ  އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!