ކުޅިވަރު

ކޮޕާ އިޓަލިއާ ސެމީ ފައިނަލްގައި ޔުވެންޓަސް ކުޅުނު މެޗު ބެލުމުގެ ބަދަލުގައި ހިގުއައިން އިނީ ފޯނާއި ކުޅެން!

ކޮޕަ އިޓާލިއާ ސެމީ ފައިނަލްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޔުވެންޓަސްއާއި އޭސީ މިލާން ވާދަކުރި މެޗު ބެލުމުގެ ބަދަލުގައި ދަނޑުގައި އިނދެ ހިގުއައިން ފޯނާއި ކުޅެން އިނުމުން ޔުވެންޓަސްގެ ސަޕޯޓަރުން ރުޅިގަދަވެއްޖެއެވެ.

ކޮޕަ އިޓާލިއާ ސެމީ ފައިނަލްގައި ޔުވެންޓަސްއާއި އޭސީ މިލާން ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މެޗުގައި ފޯރިގަދަ ކަންތައްތަކެއް ހިނގައިދިޔައެވެ. މިގޮތުން އޭސީ މިލާންގެ ރެބިޗަށް މެޗުގެ ކުރީކޮޅު ރަތްކާޑު ދެއްކިއިރު، ޔުވެންޓަސްއަށް ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ ބޭކާރުކޮށްލިއެވެ.

މި މެޗު ކުޅުނުއިރު ދަނޑުގައި އިން ގޮންޒާލޯ ހިގުއައިން އިނީ ފޯނާ ކުޅޭށެވެ. މި މަންޒަރު ގިނަ ފަހަރެއްގެ މަތިން ޓީވީންވެސް ދެއްކިއިރު، ކޮންމެ ފަހަރަކުވެސް ދައްކާ ވީޑިއޯއިން ހިގުއައިން އިންނަނީ ފޫހިވެފައިކަން އެނގެއެވެ.

ޔުވެންޓަސްގެ ސަޕޯޓަރުން މިކަމާއި ހިތްހަމަ ނުޖެހިގެން ސޯސަލް މީޑިޔާގައި ހިގުއައިންއަށް ފާޑުކިޔަމުން އަންނައިރު، އެކަމަށް މައާފަށް އެދެން ވަނީ ގޮވާލާފައެވެ. ބައެއް ސަޕޯޓަރުން ބުނަނީ ކޮންމެ ކަމަކަށްވެސް ވަކި ވަގުތަކާއި ހާލަތެއް އޮންނާނެކަމަށާއި، ހިގުއައިން އެގޮތަށް ފޯނާއި ކުޅެން އިނުމަކީ ޓީމްގެ ރޫހާއި ޚިލާފުކަމެއްކަމަށެވެ.

ބައެއް ސަޕޯޓަރުން ބުނަނީ ހިގުއައިން އޭނާގެ އައިފޯން 11 ޕްރޯ މެކްސް ދައްކާލީކަމަށެވެ. އަނެއް ބަޔަކު ބުނަނީ ގެއަށް ގޮސް ކާނެ އެއްޗަކަށް އޮންލައިންކޮށް އޯޑަރުކުރީ ކަމަށެވެ.

ހިގުއައިންގެ ދިފާއުގައި ވާހަކަދެއްކި މީހުން ބުނަނީ އިޓަލީގެ ފުޓްބޯޅަ ސީޒަންގެ ކުޅުން އަލުން މިފެށީ 3 މަހުގެ މެދުކެނޑުމަކަށްފަހުގައި ކަމަށާއި އެހެންކަމުން ކުޅުންތެރިންނަށް މިއީ އުނދަގޫ ދަނޑިވަޅެއްކަމަށެވެ. އަދި މި ދަނޑިވަޅުގައި މިހެން ދިމާވާ ކަންތައްތަކަށް ބެހުން ރަނގަޅުނުވާނެކަމަށެވެ.

ހިގުއައިންއަށް މި މެޗުގައި ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. އޭނާއަށް ކުޅުމުގެ ތެރެއަށް އަންނަން އަދި ހަފްތާއެއް ހާ ދުވަސް ނަގާނެކަމަށްބެލެވެއެވެ. ހިގުއައިންގެ ބަދަލުގައި މި މެޗުގައި ކޯޗު ސްކޮޑުން ޖާގަ ދިނީ 21 އަހަރުގެ ޖިއަކޯމޯ ވްރިއޯނީއަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!