މަޝްރޫއުތައް ލަސްވުމުގެ ހުރަހަކަށް އޭސީސީ ވެގެން ނުވާނެ: ރައީސް
ކޮރަޕްޝަނާ ދެކޮޅަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ގާނޫނީ ޒިންމާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަދާކުރާ އިރު، މަޝްރޫއުތައް ލަސްވާނެ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެދިވަޑައިގެންފި އެވެ.
ލޯކަަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ފަށާފައިވާ ކެމްޕޭނުގައި ބައިވެރިވެވަޑައިގެން، އިއްޔެ ހދ. ވައިކަރަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިން ވޯޓުން ރައްޔިތުން ސަރުކާރާ މަތިކުރި ޒިންމާތައް ފުރިހަމައަށް އަދާކުރެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ފަހު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި އޮވެމެ ނުހަނު ރަނގަޅަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަރަށް ރަނގަޅަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރުވެސް، ޒިންމާދާރުކަމާއެކީ ޖަވާބުދާރީ ކުރަމުން އެ ދަނީ. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން. އެއީ އެކަން އޮންނަން ވާނެ ގޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އެމަނިކުފާނު ގެންނެވި ބަދަލުތަކާ އެކު، އޭސީސީ ވެސް ޒިންމާ އަދާކުރަމުން އަންނަ ކަމަށެވެ. ގާނޫނުއަސާސީގައި މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ އޭސީސީ ހިނގަން ޖެހެނީ ވެސް އެގޮތަށް ފާހަގަކުރައްވައި އިސްލާހު ކުރަން ޖެހޭ ކަމެއް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއެއް ކުރިއަށް ގެންދަން ހުޅުވައިލާ ބީލަމަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅައިފި ނަމަ އޭސީސީން އެކަން ބަލަން ޖެހެ އެވެ.
"އެ ގޮތަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މަޝްރޫއު، އެއް މަސް ދެ މަސް މަޑުޖައްސައިލަން އަންގަމުން އެބަދޭ. އެ އަށް ފަހުގައި އޭގެ މައްސަލައެއް ނެތް ކަމަށް އަންގައި ކުރިއަށް ގެންދަން އެބަ ވިދާޅުވޭ. އަޅުގަނޑު ހިތުން މިއަށް ކުޑަ ބަދަލެއް ގެންނަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަންތައްތައް ބަލަން ޖެހޭނެ ކަމަށާއި ގޯސްކޮށް ކަމެއް އުޅެންޏާ ރަނގަޅު ކުރަން ވާނެ ކަމަށެވެ. ނަމަވެސް މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބޭފުޅަކު ވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ އެއް ވިސްނުމެއްގައި މަސައްކަތް ކުރާނެ ކައުންސިލްތަކެއް އިންތިހާބު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި އިންތިހާބުގެ ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީއަށް ދިނުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.