ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި
ޕާސްޕޯޓު ނަކަލު ކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީއަކު އަނެއްކާ ވެސް ހުއްޓުވައިފި އެވެ.
އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއް ބުނެފައި ވަނީ ޕާސްޕޯޓު ނަކަލު ކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވާފައިވާ ކަމަށެވެ. ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ހުއްޓުވީ އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
މި ބިދޭސީ މީހާއަކީ ކޮން ގައުމަކުން ރާއްޖެ އެތެރެވާން އުޅުނު މީހެއް ކަމާއި އަދި މިމީހާއަކީ ކޮން ގައުމެއްގެ މީހެއްކަން އިމިގުރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ވެސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުން ވަނީ އިމިގްރޭޝަނުން ހުއްޓުވާފައެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ޕާސްޕޯޓު ނަކަލު ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން ދަނީ ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ މީހުންނާއި، ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން ހުއްޓުވައި ފިޔަވަޅު އަޅަމުންނެވެ.