ޚަބަރު

3 އިންތިހާބު އެއް ދުވަސްވަރެއްގައި ބާއްވައިފިނަމަ ތަރައްގީ އަވަސް ވާނެ: ރައީސް

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީސް އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަސްވަރެއްގެ ބާއްވައިފިނަމަ ގައުމުގެ ތަރައްގީ އަވަސްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން އުތުރުގެ ބައެއް ރަށްރަށަށް ކުރަމުންދާ ކެމްޕޭން ދަތުރުގެ ތެރެއިން ހދ.ނޮޅވަރަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ގެނައުމުގައި ސަރުކާރުން ފަސް ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. މި ސަރުކާރަކީ ޝަކުވާ އަޑުއަހާނެ ސަރުކާރެއްކަމަށާ، ކައުންސިލްތަކަށް އިންތިހާބުވާ ބޭފުޅުންނަކީ ރަށުގެ ރައްޔިތުންގެ އަޑު އުފުލޭނެ ވަރުގެ ބަޔަކަށް ވާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިހާބުތައް އެކި ދުވަސްވަރުގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މިހާރުވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިންތިހާބު ވަކިވަކިން ބޭއްވުމަކީ ކަންކަން ހިންގުމުގައި ލަސްވާކަމެއް. ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބު އެއް ދުވަސްވަރެއްގެ ބޭއްވުމުން ތަރައްގީ އަވަސްވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ސަރުކާރެއް އެކުލަވާލުމާއެކު ހައެއްކަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރިމަތިވާ ކަމަށެވެ. އެ އިންތިހާބުން ކާމިޔާބު ހޯދުމަށް ސަރުކާރަށް މަޖުބޫރު ކަމަށާ އެހެން ކަމުން ސަރުކާރުގެ ފޯކަސް އިންތިހާބަށް ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެ އިންތިހާބު ނިމި ދިހަވަރަކަށް މަސް ފަހުން ކައުންސިލް އިންތިހާބު ކުރިމަތިވާއިރު، ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް އެންމެ މުހިންމު އިންތިހާބު ކަަމަށެވެ.

އެހެން ކަމުން އިންތިހާބުތަކަށް ފޯކަސް ކުރަން ޖެހުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުޑަ ލަސްކަމެއް މެދުވެރިވާ ކަމަށެވެ.

އެމްޑީޕީން އުތުރުގެ 10 ރަށަކަށް ކުރާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުގައި ހއ.އާއި ހދ.ގެ ބައެއް ރަށްރަށަށް ދަނީ ދަތުރުކުރަމުންނެވެ. އަދި ހދ.ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޙާއްސަކޮށްގެން ބާއްވާ "އިރުވައި ކޮންފަރެންސް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް ކައުންސިލަރުންނާއި ކައުންސިލަށް ކުރިމަތިލާ ފަރާތްތައް އަހުލުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ބާއްވާ މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙާއި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރު ނިންމާލުމައްފަހު އެނބުރި އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!