މި ސަރަޙައްދުގައި ކަރަންޓްގެ އަގު އެންމެ ބޮޑު އެއް ޤައުމަކަށް ރާއްޖެ
މި ސަރަޙައްދުގައި ކަރަންޓްގެ އަގު އެންމެ ބޮޑު އެއް ޤައުމަކީ ދިވެހިރާއްޖެ ކަމުގައި ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން މިހެން ބުނެފައިވަނީ ރާއްޖޭގެ މިހާރުގެ އިގްތިސޯދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލައި ވޯލްޑް ބޭންކުން ނެރުނު، "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އިން ސްޓޯމީ ސީޒް" ރިޕޯޓްގައެވެ.
މި ރިޕޯޓުގައިވާ ގޮތުން އިއާދަކުރަނިވި ހަކަތަ ތަރައްޤީ ކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ، ކޮވިޑް-19އަށް ފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށާއި، ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ލިބޭނެ އިތުރު ބާރެއްކަމުގައި ބުނެފައިވެއެވެ.
"އިއާދަކުރަނިވި ހަކަތަ އަށް ވިސްނުން ބެހެއްޓުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް. އެގޮތުން، ފުރުސަތުތައް ހުޅުވިގެން ދިއުމާއިއެކު، އިގްތިސޯދު އަވަހަށް ކޮޅަށް ޖެހި، ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެ،" ވާލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ ރިޑިހޯ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްސަ ބާބެއްވެސް މި ރިޕޯޓުގައި ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި 2008 ވަނަ އަހަރުން ފެށިގެން، ހުރިހާ ދިވެހިންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުންދާ ކަން ފާހަގަކޮށް، އެތެރެކުރެވޭ ޑީސަލް އާއި ކޮންމެ ރަށެއްގައި ވަކިވަކިން ޤާއިމް ކުރެވިފައިވާ ކަރަންޓްގެ ވިއުގަތަކުގެ ސަބަބުން ކަރަންޓް އުފެއްދުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާކަން ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ، ދައުލަތުން ކަރަންޓަށް ބޮޑު ސަބްސިޑީއެއް ދީ މާލިއްޔަތަށް ބުރަ ކުރިނަމަވެސް މި ސަރަހައްދުގައި އެންމެ ކަރަންޓު ހަރަދު ބޮޑު ގައުމަކީ ރާއްޖެ ކަމުގައި ފާހަގަކޮށް އެއީ އާންމުންނަށް އުފުލަން ޖެހޭ އިތުރު ބުރައެއް ކަމުގައި ބުނެފައިވެއެވެ.
ކޮވިޑްް19 ގެ ސަބަބުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދުގެ ދުވެލި 13 ޕަސެންޓާއި 17.5 ޕަސެންޓަށް ދަށްވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވީނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތް މަޑުމަޑުން ހަމައަކަށް އެޅެމުންދާ ވަރަކަށް، 2021 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސޯދު 7.9 ޕަސެންޓާއި 8.5 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކުރިއަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.