ޣައްސާންގެ ރައްދު ނަޝީދަށް: މައުމޫން ކޮށްދެއްވި ހިދުމަތްތަކާ އެއްވަރަށް ދުވަހަކުވެސް ވަޑައިނުގެންނެވޭނެ!
ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ރައްދު ދެއްވައިފިއެވެ.
ޣައްސާން މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ދަރިކަނބަލުން ވަރަށް ހުތުރު ޢިބާރާތްތަކުން ރައީސް މައުމޫން އަބްދުލްގަްޔޫމާ މުޚާޠަބުކުރައްވައި ޓުވީޓެއް ކުރެއްވުމާ ގުޅިގެންނެވެ. އިއްޔެއާއި ރޭވެސް އޭނާ ވަނީ ރައީސް މައުމޫނަށް ނިސްބަތްވާ ޓްވީޓްތަކެއް ކުރައްވާފައެވެ.
އެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން ޣައްސާން ވިދާޅުވީ ރައީސް މައުމޫން ގައުމަށް ކުރައްވާފައިވާ ހިދުމަތްތަކާއި އެއްވަރަށް ދުވަހަކުވެސް ވަޑައިނުގެންނެވޭނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވަނީ އާއިލާއިން ބޭރުންދޭ ކޮންމެ ހަމަލައެއް ދިފާއު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
"ޢާއިލާއިން ބޭރުން ދެވޭ ކޮންމެ ޙަމަލައެއް ދިފާޢުކުރާނަން." ޣައްސާން ވިދާޅުވިއެވެ.
ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް.
ކުރިމައްޗަށް އަންނަން ކީއްކުރަން؟ ޚިދުމަތުގެ ގޮތުން ހިނގި މަގަކުންވެސް ނުހިނގޭނެ.
ޢާއިލާއިން ބޭރުން ދެވޭ ކޮންމެ ޙަމަލައެއް ދިފާޢުކުރާނަން.
— Mohamed Ghassan Maumoon (@mgmaumoon) June 15, 2020
ރައީސް މައުމޫނާއި ރައީސް ނަޝީދަކީ ވަނީ މިހާރު މިއޮތް ސަރުކާރު ވެރިކަމަށް ގެންނަން ކޯލިޝަން ހަދާފައެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.