އަންނަ މަހު 1 ގައި ސްކޫލްތައް ހުޅުވަން ނިންމައިފި
އަންނަ މަހު 1 ގައި ސްކޫލްތައް ހުޅުވަން ނިންމައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ސްކޫލްތައް ހުޅުވަނީ ގްރޭޑް 1 އިން ފެށިގެން މަތީގެ ގްރޭޑްތަކަށް ކަމަށާއި ސްކޫލުތައް ހުޅުވޭއިރު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ދަރިވަރުންގެ ރައްކާތެރިކަމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ކަމަށްވެވެ.
މީގެ އިތުރުން މުދައްރިސުންނާއި ސްކޫލުގެ އިދާރީ މުވައްޒަފުންނަށްވެސް މިކަމާ ގުޅޭ ޚާއްޞަ ތަމްރީން ދިނުމާއި ދަރިވަރުން ސްކޫލަށް ދާއިރު ހުމްބަލާ ތާމޯމީޓަރުތައްވެސް ސްކޫލުތަކަށް ފޯރުކޯށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލް މާހައުލަތީ ދަރިވަރަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން އެކި ސްކޫލްތަކުގެ މާހައުލުގެ ތަފާތުތަކަމަށް ވިސްނަވައި އެ ސްކޫލަކަށް އެކަށޭނެ ގޮތަކަށް ސިއްޙީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ސްކޫލަށް ހާޒިރު ނުވެ ގޭގައި ތިބެންޖެހުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންގެ އިޖްތިމާޢީ އަދި ނަފްސާނީ މައްސަލަތަކެއް ހުރުމަކީ އެކަށީގެންވާ ކަމަކަށްވުމުން އެކަމަށް ފިޔަވަޅު އެޅުއްވުމުގެ ގޮތުން 11000 ޓީޗަރަކަށް ސައިކޯ ސޯޝަލްއާ ބެހޭ ތަމްރީންތަކެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި ދަރިވަރުންނާއި ޓީޗަރުންވެސް އަދި ބެލެނިވެރިންނަށްވެސް ސްކޫލު ގޭޓުން އެތެރެވެވޭނީ މާސްކު އަޅައިގެން ކަމަށާއި އަދި ވީހާވެސް ގައިދުރުކޮށް ސްކޫލަށް ވަދެނިކުމެ އުޅުމާއި ސްކޫލުގައި ޙަރަކާތްތެރިވެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.