އެންމެ ފަހު ވަގުތު ފުރުސަތު ލިބުނަސް ދިވެހިން ހައްޖަށް ފޮނުވަން މަސައްކަތް ކުރާނަން: މިނިސްޓަރު
ސައުދީން ހައްޖަށް ދިއުމުގެ ފުރުސަތު ދީފި ނަމަ އެންމެފަހު ވަގުތު ވެސް ދިވެހިން ހައްޖަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ޙާލަތު ގޯސްވެފައިވުމާއެކު، މިއަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ނުފޮނުވުމަށް 9 ޤައުމަކުން ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިރޭގެ ނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ޙައްޖަށް މީހުން ގެންދިއުމަށް އެންމެ ފަހުވަގުތު ފުރުޞަތު ހުޅުވަލިނަމަވެސް ރާއްޖެއިން އެ ފުރުޞަތުގެ ބޭނުން ހިފާނެކަމަށާއި، ދިވެހި ރައްޔިތުންނަށް އެފުރުޞަތު ތަންވަސްކޮށްދިނުމަށް މަސައްކަތްކުރައްވާކަމަށެވެ.
"އެންމެ ފަހުވަގުތާ ހަމައަށްވެސް ދިވެހިރާއްޖެއަށް ފުރުޞަތު ލިބިެއްޖެކަމަށް ވެއްޖެނަމަ ޙައްޖަށް މީހުން ގެންދިއުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އަޅުގަނޑުމެން ބަލާނީ އެންމެ ފަހު ވަޤުތާއި ހަމައަށްވެސް ފުރުޞަތެއް ލިބޭތޯ. ފުރުޞަތެއް ލިބިެއްޖެކަމަށްވަންޏާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ތަނަވަސްކޮށްދޭނަން." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
ސައުދީ ސަރުކާރުން މިހާރު ދިރާސާއެއް ހަދަމުންދާ ކަމަށާއި އެގޮތުން ވީހާވެސް މަދުން ގައުމުތަކަށް ފުރުސަތު ދީގެން ހައްޖަށް މީހުން ގެންގޮސްގެން އިންތިޒާމު ހަމަޖެއްސޭނެ ގޮތްތަކަށް ސައުދީ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް 2.5 މިލިއަން މީހުން ޖަމާވާނެ އަރަފާތަށް، މިނާ އަށް އެއްފަހަރާ. އެ ބޭފުޅުން ސާވޭ ހައްދަވާފައި އެ ބައްލަވަނީ އެ އަދަދު 2،70،0000 މީހުންނަށް ތިރިކޮށްގެން ހިދުމަތްތައް ފޯރުކޮށްދެވިދާނެތޯ. ގައިދުކުރުކަން ބަހައްޓައިގެންނާއި، ހަމަ އެގޮތަށް މީހަކު ބަލިވެއްޖެނަމަ ފަރުވާދެވޭނެ އިންތިޒާމުތަކާއި، އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިގެން ހައްޖަށް ގެންދެވިދާނެތޯ އެ ބައްލަވަނީ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރި ވިދާޅުވީ ކޮވިޑްގެ ޙާލަތާ ރާއްޖެ ކުރިމަތިލީ ޙައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ކުންފުނިތައް ހޮވުމަށް މިނިސްޓްރީން އިޢުލާންކޮށް، އެމިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށެވެ.