ޚަބަރު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުންދިޔަ ބައެއް ހިދްމަތް ހުއްޓާލައި އެ ހިދްމަތް މިއަދުން ފެށިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) ދޭން ފަށައިފިއެވެ.

Ads by Sosun Fihaara

އާ ހޮސްޕިޓަލު ހެދުމުން އުވައިލަން ނިންމާފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ނެރެފައިވާ އިއުލާނެއްގައި ބުނީ ހިތަދޫގައި އިމާރާތްކޮށްފައިވާ ކުރީގެ ކޮންވެންޝަން ސެންޓަރުގައި ހަދާފައިވާ ހޮސްޕިޓަލުން މިއަދުން ފެށިގެން 11 ހިދުމަތަކަށް ޑޮކްޓަރުން ބައްލަވާނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އާންމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކެވެ.

އާންމު ބަލިތަކަށް ހެނދުނު 8:00 އިން ހަވީރު 4:00 އަށް ފަރުވާދޭނީ އޭއީއެޗްގަ އެވެ.

އެޗްއާރްއެޗުން ބުނީ ލޮލުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ކުރިއެކޭ އެއްގޮތަށް އަދިވެސް ހިދުމަތް ދޭނީ ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ. އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް އާންމު ބަލިތަކަށް ވެސް ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭނެ އެވެ.

އަވަސް ފަރުވާ ބޭނުންވާ މީހުންނަށް ރީޖަނަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުން ވެސް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އެޗްއާރްއެޗުން ބުންޏެވެ.

އާ ހޮސްޕިޓަލް މިއަދު ބައެއް ހިދުމަތްތަކަށް ހުޅުވައިލި ނަމަވެސް އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމޭތީ ބައެއް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

2012 ވަނަ އަހަރު 17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!