ތަރައްގީ ގެންނަން އާމްދަނީގެ ފަރަގު ނައްތާލަން ޖެހޭ: ރައީސް
މާލެ އާއި އަތޮޅުތަކު ތެރޭގައި ލިބޭ އާމްދަނީގެ ފަރަގު ވަރަށް ބޮޑު ކަމަށާއި އެ ފަރަގު ނައްތާލެވިގެން ނޫނީ ތަރައްގީ ނުގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ބާއްވާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ފައްޓަވައިދެއްވައި، އެ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ވަޒީފާގައި އުޅޭ މީހުންނާއި ލިބޭ އާމްދަނީ އަށް ބެލިޔަސް އަތޮޅުތަކާއި މާލެއާ ދެމެދު ބޮޑު ފަރަގެއް އެބަހުރި ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ރިޕޯޓުން އާމްދަނީގެ ފަރަގު އޮތް މިންވަރު ފެނިވަޑައިގެންނެވި ކަމަށެވެ.
އެގޮތުން ފަގީރުންގެ ގޮތުގައި ގަބޫލު ކުރަނީ ދުވާލަކަށް 74 ރުފިޔާއަށް ވުރެ މަދުން ލިބޭ މީހުން ކަމަށާއި ރާއްޖޭގެ ޒަރޫރީ ބޭނުންތައް ފުއްދަން މަދުވެގެން އެ އަދަދު ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. މާލޭގައި އެ އަދަދު ނުލިބޭ މީހުންގެ ޕަސަންޓޭޖަކީ 1.5 ޕަސަންޓު ކަމަށާއި އަތޮޅުތަކުގައި 12.8 ޕަސަންޓު މީހުންނަށް އެވަރުގެ އާމްދަނީއެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ކައިރީގައި އޮތް ތަނެއް ނުވަތަ ހަމަ އެކަނި މާލެ ތަރައްގީ ކުރުމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގައި ވިސްނަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށާއި ބޮޑެތި ވިޔަފާރިތަކުގައި ވަަޒީފާ އަދާ ކުރާ ފަރާތްތަކާއި ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މީހުން ތިބިއިރު އެކި ދާއިރާތަކުގައި ތަފާތުތައް އެބަހުރި ކަމަށެވެ. އަދި މިއަދުގެ ކޮންފަރަންސްގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަކީ މަސައްކަތައް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ތިލަދުންމަތީގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއު ހިންގަން ހިމަނާފައިވާ ކަމަށާއި އެގޮތުން ގާތްގަނޑަކަށް 200 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާ ކަމަށެވެ.
މިއަދުގެ ކޮންފަރެންސްގައި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރުންނާއި ރައްޔިތުުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަަވަ އެވެ.