ޚަބަރު

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި އެ ޕާޓީގެ ތިލަދުންމަތީ "އިރުވައި ކޮންފަރެންސް"ގެ ޕެނަލް ޑިސްކަޝަންގައި ކައުންސިލަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކައުންސިލަރުންގެ މުސާރައަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހާމަކުރައްވައިފައެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ކައުންސިލަރުންނަށް ދޭނެ މުސާރައެއް ސަރުކާރުން ކަނޑައަޅައި މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އޭގެ ފަހުން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދެއް ފާސް ކުރަނީ މަޖިލީހުންނެވެ.

ކޮންފެރެންސްގައި ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ގޮތުން މޭޔަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 40،000 ރުފިޔާ އެވެ. ޑެޕިއުޓީ މޭޔަރުންގެ މުސާރައަކީ މަހަކު 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ މަހަކު 30،000 ރުފިޔާ އެވެ.

އަތޮޅު ކައުންސިލްގެ އެކުލެވުމަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ. ރަށު ކައުންސިލަރުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެ ގޮތުން، ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ވަނީ 23،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ވަނީ 15،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި މެންބަރުންގެ މުސާރަ ވަނީ 12،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

"ސްޓްރަކްޗާ މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. މަޖިލިސް ހުޅުވުމާއެކީގައި މަޝްވަރާއަށް ފަހުގައި ކުރިއަށް ދާން ނިންމުމެއް ނިންމާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންގެ މުސާރައަށް ބަދަލުގެންނަން ނިންމީ، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކާއި ހަތް މެމްބަރުންގެ ކައުންސިލްތަކުގެ މެދުގައި މުސާރައިގެ ފަރަގެއް ހުރުމުން ކަމަށެވެ.

މިހާރު ރަށު ކައުންސިލަރެއްގެ މުސާރައަކީ 10،000 ރުފިޔާއެވެ. ކައުންސިލްގެ ރައީސަށް މުސާރައިގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ނައިބުގެ މުސާރައަކީ 12،000 ރުފިޔާއެވެ. މިހާރު އަތޮޅު ކައުންސިލުގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!