ކުޅިވަރު

ބާސެލޯނާއަށް ކުޅެން "ސަޅި" ވާނެ: ދިބާލާ

ސްޕެއިންގެ ބާސެލޯނާއަށް ކުޅެލަން ލިބުމަކީ ސަޅި ފުރުސަތަކަށްވާނެކަމަށް ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ދިބާލާ ބުނެފިއެވެ.

އާޖެންޓީނާގެ ފޯވާޑް ޕައުލޯ ދިބާލާ ޔުވެންޓަސްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވަނީ 2022ގައެވެ. ކޮންޓްރެކްޓް އައުކުރުމަށް ޔުވެންޓަސްއިން މަސައްކަތްކުރަމުން އަންނައިރު ދިބާލާ ބޭނުންވަނީވެސް އެކުލަބުގައި މަޑުކުރާށެވެ.

ބާސެލޯނާއިންވަނީ މިދިޔަ ޓްރާންސްފަރގައި ދިބާލާ އެކުލަބަށް ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މިދިޔަ އަހަރުވެސް އެކުލަބުން ވަނީ އޭނާގެ އެޖެންޓާއި ބައްދަލުކޮށްފައެވެ.

26 އަހަރުގެ ދިބާލާ ބުނީ ބާސެލޯނާއަކީ ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރެއިން އެއް ކުލަބުކަމަށާއި، މެސީ އެކުލަބުގައި ހުރުމަކީވެސް ގިނަ ބައެއްގެ ޝައުގުވެރިކަން އެކުލަބަށް ލިބޭނެ ކަމެއް ކަމަށެވެ. ފުރުސަތު ލިބިއްޖެނަމަ އެކުލަބަށް ކުޅެލަން "ސަޅި"ވާނެކަމަށްވެސް ދިބާލާ ބުންޏެވެ.

އޭނާ ބުނީ ޔުވެންޓަސްގައިވެސް ހުރީ އުފަލުންކަމަށާއި، އެކުލަބުގައިވެސް މެސީ ކަހަލަ މަގުބޫލު މަޝްހޫރު ކުޅުންތެރިން އެބަތިބިކަމަށެވެ. އަދި ޔުވެންޓަސްއިން އޭނާ ވިއްކާލަން ބޭނުންނުވާހާ ހިނދަކު ކުލަބު ބަދަލުކުރަން ނުވިސްނާނެކަމަށް އޭނާ ބުންޏެވެ.

ދިބާލާ ބުނީކުލަބުގެ ރައީސްއާއިވެސް ގާތް ގުޅުމެއް އެބައޮތްކަމަށާއި، ސަޕޯޓަރުންވެސް ވަރަށް ގާތްކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ސީޒަން މެދު ކަނޑާލިއިރު ދިބާލާ ހުރީ ރަނގަޅު ފޯމެއްގައެވެ. އަލުން ސީޒަންގެ ކުޅުން ފަށާފައިވާއިރު، ދިބާލާ ބުނީ އުއްމީދަކީ އެ ފޯމު އަނބުރާ ގެނައުންކަމަށާއި، މި ސީޒަންގެ މައި ޓާގެޓަކީ ޗެމްޕިއަންސް ލީގުކަމަށެވެ.

އިޓަލިއަން ސެރީއާގެ ކުޅުން މިމަހުގެ 20ގައި ފަށަން ތައްޔާރުވެފައިވާއިރު، ޔުވެންޓަސް އޮތީ ތާވަލްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ 12 މެޗު އެބައޮތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!