ކުޅިވަރު

ކޮވިޑް-19ގެ ސަބަބުން ދަށް ޑިވިޝަންތަކުގެ ޓީމްތައް ދަނީ މަރުވަމުން : ވެންގާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ލިބެމުން އަންނަ މާލީ ގެންލުންތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ދަށް ލީގުތަކުގެ ކުލަބުތަކަށް ބޮޑު ގެއްލުމެއް ލިބެމުން އަންނަކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފިއެވެ.

Ads by Sosun Fihaara

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅައަށް ބޮޑު ގެއްލުމެއް ލިބުނެވެ. ގިނަ މުބާރާތްތައް ކެންސަލްކުރަން ޖެހުނުއިރު، ބައެއް މުބާރާތްތައް މުއްދަތެއް ނެތްގޮތަށް ފަސްކުރަން ޖެހުނެވެ. ކޮވިޑް-19ގެ ނުރައްކާ ކުޑަވެ ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ކުޅުން ފެށިކަމުގައިވިޔަސް ދަށް ލީގުތަކުގެ ކުޅުންވަނީ ކެންސަލްކޮށްފައެވެ.

މިކަމުގެ ސަބަބުން ދަށް ލީގުތަކުގެ ކުލަބުތަކަށްވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވެ. ބައެއް ކުލަބުތައް އަންނަ ސީޒަންގައި ފެންނާނެކަމާއިމެދުވެސް ސުވާލު އުފެދެއެވެ. އަދި ކުލަބުތައް ބަގުރޫޓުވުމުގެ ބިރުވެސް ބޮޑެވެ.

ފީފާގެ ޗީފް އޮފް ގްލޯބަލް ޑިވެލޮޕްމެންޓް ކޯޗު އާސެން ވެންގާ ބުނީ މިއީ ފީފާއިން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށާއި، ދަށް ލީގުތަކުގެ ކުލަބުތަކަށް ލިބޭ ގެއްލުންތަކަށް އެހީވެވޭނެ ގޮތްތައް ބަލަމުން އަންނަކަމަށެވެ.

އަހަރެއްގެ މައްޗަށް ދުނިޔޭގެ ފުޓްބޯޅައަށް އާމްދަނީގެ ގޮތުގައި 57 ބިލިއަން ޑޮލަރު ލިބެއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މި ސީޒަންގައި މި އަދަދު 20އިންސައްތަ ދަށްވާނެކަމަށް ބެލެވެއެވެ. އެހެންކަމުން މިއީ ދަށް ޑިވިޝަންގެ ކުލަބުތަކުގެ ނިސްބަތަށް ބަލާއިރު ބޮޑު ގެއްލުމެކެވެ. މިކަމުގެ ސަބަބުން ކުލަބުތަކުގެ ކުޅުންތެރިންގެ މުސާރަވެސް ހަމައަށް ލިބޭނެކަމާއިމެދު ސުވާލު އުފެދެއެވެ.

މުސާރަ ކުޑަކޮށް ޚަރަދުތައް ކުޑަކުރުމުން ފައިދާވަނީ ބޮޑެތި ކުލަބުތަކަށްކަމަށާއި، ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހުމާއި ލީގުތައް ކެންސަލްކުރުމުން މާލީ ގޮތުން ބަލިކަށި ކުލަބުތައް ނެތިދިޔުން ގާތްކަމަށްވެސް ވެންގާ ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!