އިސްތަށި އިންދަން ކުރި އޮޕަރޭޝަނުން އިތުރަށް ވީ ތަލަ
އިނގިރޭސިވިލާތަށް ނިޞްބަތްވާ 26 އަހަރުގެ، އައި.ޓީ ޓެކްނިޝަނެއް ކަމަށްވާ ލޫކް ހޯސްފީލްޑްގެ ބޮލުގެ އިސްތަށި ތުނިވާން ފެށުމުން އޭނާ އެކަމާވަރަށް ކަންބޮޑުވިއެވެ. އަދި ތުރުކީގައި އަގުހެޔޮކޮށް އިސްތަށި އިންދައިދޭ ތަނަކުން އިސްތަށި އިންދަން ގަސްތުކުރިއެވެ. މިކަމަށް އޭނާވަނީ 1250 ޕައުންޑް ޚަރަދު ކޮށްފައެވެ. މިއީ އިނގިރޭސިވިލާތުން މިކަން ކޮށްދޭ އަގުގެ ދެބައިކުޅަ އެއްބައެވެ.
6 ގަޑިއިރަށް ދިގުދެމިގެން ދިޔަ އޮޕަރޭޝަނަށްފަހު ލޫކްގެ ބޮލުގައި ލަކުނުލާ ބޮޑުބައެއްވަނީ އަލުން އިސްތަށި ނުފަޅާވަރަށް ތަލަވެފައެވެ.
ލޫކް ހާމަކުރިގޮތުގައި މިހެން މިކަން ދިމާވީ ތުރުކީގެ މި ކްލިނިކްގައި އޮޕަރޭޝަން ކުރަން ހުރި ޑޮކްޓަރަށް އިނގިރޭސި ނޭނގުމުގެ ސަބަބުންނާއި، ނަގަންވާ ވަރަށްވުރެ އިތުރަށް ބޮލުގެ ފުއްކިބައިން އިސްތަށީގެ ބުޑުތައް ނެގުމުން ކަމަށެވެ. އިސްތަށި އިންދަނީ ރަނގަޅަށް އިސްތަށިފަޅާ ބުޑުތައް ނަގައިގެން، އިސްތަށިފައިބާ ދިމާލުގައެވެ. ނަމަވެސް ލޫކްގެ އޮޕަރޭޝަންގައި ރަނގަޅަށް ހުރި ހުރިހާ އިސްތަށިބުޑުތައް ކުރިމައްޗަށް ގެންގޮސްގެންވެސް މިކަން ކާމިޔާބު ނުވެ، ބޮލުގެ ބޮޑުބައެއް ތަލަވުމުން އަލުން އެހެން ކްލިނިކަކަށް ގޮސްގެން ނޫނީ ރަނގަޅު ނުވާވަރު ވަނީ ވެފައެވެ.
މި ކްލިނިކްގެ ވެބްސައިޓްގައިވާ ގޮތުން މިފަރުވާ ދެވޭ ފިރިހެނުންގެ ބޮލުން އަލުން އިސްތަށިފަޅާ، ހިތްހަމަ ޖެހޭ ނަތީޖާ ފެންނާނެއެވެ. ނަމަވެސް ނަސީބު ދިމާކުރި ގޮތުން ލޫކްއަށް ދިމާވީ މީގެ އިދިކޮޅެވެ.
މި ހިތިތަޖުރިބާއަށްފަހު މިފަދަ އޮޕަރޭޝަން ކުރަން ބޭނުންވާ ކޮންމެ މީހަކުވެސް މިކަމަށް ބޭނުންވާ ދިރާސާކޮށް މައުލޫމާތު އެއްކުރުމަށް ލޫކް ނަސޭހަތްތެރިވެއެވެ. ލޫކް ޔަގީންކޮށްދިން ގޮތުގައި، އޮޕްރޭޝަންގެ ފަހުން ޢަމަލުކުރުމަށް ޑޮކްޓަރުން ދިން އިރުޝާދަށް ބަރާބަރަށް ތަބާވި ކަމަށާ، ނަމަވެސް 4 މަސްފަހުންވެސް އިސްތަށި ނުފެޅުމުން އެމީހުނަށް ގުޅިކަމަށެވެ. އަދި ބައެއް ފަހަރު އިސްތަށިފެޅުން ލަސްވެދާނެކަމަށް ކްލިނިކުން ލޫކްއަށް އެންގި ކަމަށްވެސް ލޫކް ހާމަކުރިއެވެ.
ކިރިޔާ އިސްތައްޓެއް ފަޅަންފެށީ 6 މަސް ވުމުން ކަމަށާ، އަހަރެއް ވެގެން ދިޔަ އިރު ބޮލުގައި ގިނައީ އިސްތަށި ނެތް ތަންތަންކަމަށް ލޫކް ހާމަކުރިއެވެ. އަދި ފައިސާގެ ބަދަލު ހޯދަން އެދުމުން ކުޑަ އަގެއްގައި އަލުން އޮޕަރޭޝަން ކުރުމަށް ހުށައެޅިކަމަށް ވެސް ލޫކް ބުންޏެވެ. އަދި އެކަމަށް ލޫކް އެއްބަސް ނުވުމުން ބަދަލުގައި ލިބުނީ އެންމެ 400 ޕައުންޑްކަމަށް އޭނާ ކިޔާދިނެވެ. ލޫކްގެ މި ވާހަކަ މީޑިއާގައި އާންމު ވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ މަޝްހޫރު ޑޮކްޓަރަކުވަނީ ލޫކްގެ އިސްތަށިއަލުން ފެޅުވުމަށް ކުރަން ޖެހޭ އޮޕަރޭޝަން ހިލޭ ކޮށްދިނުމަށް ހުށައަޅާފައެވެ.