ލައިލާގެ ކުރީގެ ބޮޑީގާޑަށް އަނބުރާ ވަޒީފާ ދޭން ހުކުމްކޮށްފި
ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑުކަން މީގެ ކުރިން ކުރެއްވި ސ. ފޭދޫ، އާސްތާނާ އަހުމަދު ފައްތާހުއަށް ސިފައިންގެއިން އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރު ވައްޓާލަން މަސައްކަތްތަކެއް ކުރިކަމުގެ ތުހުމަތުގައި 2016 ވަނަ އަހަރު ތަހުގީގަށް ހައްޔަރު ކުރި ސިފައިންގެ މީހުންގެ ތެރޭގައި، އޭރު އެމްއެންޑީއެފްގެ ކޯޕްރަލްގެ މަގާމުގައި ހުރި ފައްތާހު ހިމެނެއެވެ. ނަމަވެސް ތަހުގީގަށްފަހު ސިފައިންގެ ވަޒީފާއިން ވަކިކޮށް ފައްތާހު ވަނީ ދޫކޮށްލައިފައެވެ.
މިކަމާ ގުޅިގެން ފައްތާހު ކޯޓަށް މައްސަލަ ހުށަހެޅީ ހުރިހާ އިނާޔަތްތަކާއެކު ދެ އަހަރު ދުވަހުގެ މުސާރަ ހޯދުމަށާއި، އެމްއެންޑީއެފްގައި އޭރު އަދާކުރަމުންދިޔަ ވަޒީފާ އަލުން ހޯދުމަށެވެ.
މި މައްސަލާގައި ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިއަދު ހުކުމް ކުރެއްވީ ފައްތާހުއަށް 18 އޮގަސްޓް 2016 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 183،720 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށެވެ. އަދި ފައްތާހު ވަޒީފާއިން ވަކި ކުރި އިރު، އަދާ ކުރަމުން ދިޔަ ކޯޕްރަލްގެ ވަޒީފާ އަނބުރާ 15 ދުވަހުގެ ތެރޭގައި އިއާދަކުރުމަށް ހުކުމުގައި އަންގާފައިވެ އެވެ.
އެގޮތަށް ހުކުމް ކުރީ ދައުލަތުން ފައްތާހުއަށް އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްދީ ވަޒީފާ އިއާދަ ކުރުމަށް ޝަރީއަތުގައި އެއްބަސްވެފައިވާތީ އެވެ.
އެކެއް ފެބްރުއަރީގެ އަމުރުގެ ދަށުން ފައްތާހު އާއި އޭނާއާ އެކު ކުރިން ސިފައިންގެ އެސްޕީޖީގައި އުޅުނު އަހުމަދު ޝާނީޒް އާއި ސިމާދު އަހުމަދުވެސް އެ ދުވަސްވަރު ހައްޔަރު ކުރި އެވެ. އެ ދެ މީހުންވެސް އެ ފަހުން ވަޒީފާއިން ވަކި ކުރި އެވެ. އެކަމަކު އެ ދެ މީހުންނަށްވެސް ވަޒީފާ އަނބުރާ ދީ މުސާރައާއި އެލަވަންސް ދިނުމަށް މީގެ ކުރިން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.