އަދުރޭގެ ޝަރީއަތް މާދަމާ ހެނދުނު ފަށަނީ
އިދިކޮޅު ޕީއެންސީގެ ލީޑަރު އަދި ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.
އަދުރޭގެ މައްޗަށް ދައުވާ ކުރީ ކްރިމިނަލް ކޯޓު ކައިރި އަށް އިދިކޮޅު ސަޕޯޓަރުން އެއްވި ދުވަހެއްގައި ކޯޓު ސަރަޙައްދުގައި ބޭއަދަބީ ބަސްތައް ބޭނުން ކުރި މައްސަލައިގައެވެ.
މި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
އަދުރޭގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.
މި ކުށް ސާބިތު ވެއްޖެނަމަ، އެންމެ ބޮޑު އަދަބަކީ ތިން މަސް ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އަންނާނީ އެއްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ހުކުމުގެ މުއްދަތު ނުވަ ދުވަހަށް ކުރު ކުރުމުގެ އިހްތިޔާރު ވެސް މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ.
އަދުރޭގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރަށެވެ.