ރައްޔިތުން މަޖިލީހުގައި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާ ބާރުތައް ނުދިނުމަށް ގޮވާލައިފަ އެވެ. އަދި ފުލުހުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ މެމްބަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވެސް މަޖިލީހުގެ ތަޅުމުގައި އެޅުވި އެވެ. އޭގެ އިތުރުން ފުލުހުންނަށް ޓޭޒާ ގަން ދިނުން ކުށްވެރިކޮށް އެކަމާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި ދަނީ ހޫނު ބަހުސެއް ކުރަމުންނެވެ.
ފުލުހުންނަށް ހިތު ހުރިހާ އެއްޗެއް އެމްޑީޕީން ގޮވަމުންދާއިރު ވަޒީރުން ހަނު ތިއްބަވާތީ މޫސަގެ ކަންބޮޑުވުން!
ފުލުހުންނާއި ސިފައިންނަށް ހިތު ހުރިހާ އެއްޗެއް އެމްޑީޕީން ގޮވަމުންދާއިރު އެ މުވައްސަސާތަކުގެ ވަޒީރުން ހަނު ތިއްބަވާތީ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވަނީީ އާއިލާތަކާ ދުރުގައި ތިން ހަތަރު މަސްވަންދެން ރައްޔަތުން ގޮވައިގެން ސިފައިންނާއި ފުލުހުން އެހާބުރަ އުފުލީމާ އެމީހުނަށް ހިތު ހުރިހާ އެއްޗެއް ސަރުކާރު ޕާޓީގެ ރައީސް އާއި މެމްބަރުން ގޮވަމުންދާއިރު ދެ މުވައްސަސާގެ ވަޒީރުން ބަހެއްވެސް ނުބުނެ މިތިބެނީ އިތުބާރު ނެއްކަމަށް ވޯޓު ނަގައި ބޭރުކޮށްފާނެތީތޯ ސުވާލު އުފައްދަވާފައެވެ.
އާއިލާތަކާދުރުގަތިންހަތަރުމަސްވަންދެންރައްޔަތުންގޮވައިގެން ސިފައިންނާފުލުހުންއެހާބުރައުފުލީމަ އެމީހުނަށްހިތުހުރިހާއެއްޗެއް ސަރުކާރުޕާޓީގެރައީސްއާއި މެމްބަރުން ގޮވަމުންދާއިރު ދެމުވައްސަސާގެވަޒީރުން ބަހެއްވެސް ނުބުނެ މިތިބެނީ އިތުބާރުނެއްކަމަށްނަގާބޭރުކޮށްފާނެތީތޯ
— Reekomoosa (@ReekoMoosa) June 17, 2020
ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް މިއަދު ބަލައިގަތުމަށްފަހު ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ފޮނުވާފައެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ.
އެ ބިލުގައި ވަނީ ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ހޯމް މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަށް މިހާރުގެ ފުލުހުންގެ ގާނޫނުގައިވާ ވަރަށްވުރެ ސާފުކޮށް ބަޔާންކޮށްފައެވެ. އެ ގޮތުން ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރު ނުކުރެވޭނެ ކަމުގައި ބިލްގައި ކަނޑައަޅާފައިވެއެވެ.
އަދި މި ބިލުގައި ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުޠުތައް ކަނޑައަޅާފައިވެއެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
މީގެއިތުރުން ގާނޫނާ ހިލާފު އަމުރަށް ތަބާވާ ފުލުހުން އެއް އަހަރަށް ޖަލަށްލެވޭ ގޮތް ހެދުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.