ވެކްސިން ދޭން ދެކޮޅު ހަދާ މީހުންނަށް އެޅޭނެ ފިޔަވަޅުތައް ބަލަނީ
ކުޑަކުދިންނަށް ވެކްސިން ނުދޭ މީހުންނާ މެދު ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ވެކްސިން ދިނުމާ ދެކޮޅު ފަރާތްތަކަށް އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމާ ބެހޭގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަހުމަދު ޖަމްޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އޮތްގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށޭނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެކަމަކު ގާނޫނީ ގޮތުން އެކަމަށް އެޅެންހުރި އެހެން ފިޔަވަޅުތައް ބައްލަވާނެ ކަމަށް ވެސް ޝަމީމްގެ ޓްވީޓްގައިވެ އެވެ.
ޑރ. ޖަމްޝީދު ވަނީ ދާދިފަހުން ރައީސް ސޯލިހް ތަސްދީގު ކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ބައެއްގެ މާއްދާތައް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.
މި ގާނޫނުގެ ނ ގައި ބުނެފައިވަނީ ކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ސިއްހީ ފަރުވާއާއި، ހިދުމަތްތައް ލިބިދިނުމުގައި އަދި އެފަދަ ހިދުމަތްތަކަށް ވާސިލްވެވޭނެ މަގު ފަހިކޮށްދިނުމަކީ އެ ކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި އެ ގާނޫނުގެ ރ ގައި ބުނެފައިވަނީ އެ މާއްދާގެ ނ ގައި ބަޔާންކުރާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިގެންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ވެކްސިން ޖެހުމަށް އިއުތިރާޒުކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ބައެއް މައްސަލަތައް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ރާއްޖެއިން ދާދިފަހުން ފުރަތަމަ ފަހަރަށް ހިމަބިހި ފެނުނީ ވެސް ވެކްސިން ނުދީ ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިންނެވެ.