ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު ސަލާމަތާ ބެހޭ ކޮމިޓީއަށް ލިބޭނެ ގޮތް ހަދަނީ
ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ލިބޭނެ ގޮތް ހަދަން ހުށަހަޅައިފިއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަން ފަށާފައިވާއިރު، ފުލުހުން ހިންގި ނުވަތަ ހިންގާ ނުވަތަ ހިންގަން ގަސްތުކުރާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު އެކޮމިޓީއަށް އޮޅުންފިލުވޭ ގޮތަށް އޮތުމުގެ އިތުރުން ގިނަ ބާރުތަކެއް ކޮމިޓީއަށް ވަނީ ދީފައެވެ.
އެގޮތުން ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ހިމާޔަތްކޮށް ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ގެންގުޅޭ ޢާންމު ސިޔާސަތުތަކަށް ގެންނަން ފެންނަ ބަދަލުތައް ފުލުހުންނަށާއި މިނިސްޓަރަށް މަޖިލިހުގެ ކޮމިޓީން އެންގޭނެއެވެ. ހަމައެހެންމެ ޖިނާއީ ތަޙުޤީޤުކޮށް ހެކި ރައްކާތެރިކޮށް ބަލަހައްޓައި ގެންގުޅުމުގައި ގެންގުޅޭ ޢާންމު ސިޔާސަތުތައް ބަލައި އެކަންކަމަށް ގެންނަން ފެންނަ ބަދަލުތައްވެސް ފުލުހުންނާއި މިނިސްޓަރަށް ކޮމިޓީން އެންގޭނެއެވެ.
އޭގެ އިތުރަށް ފުލުހުންގެ ޚިދުމަތް އިންތިޒާމުވެފައި އޮންނަ ގޮތް ބަލައި، އިންތިޒާމުތަކަށް ބަދަލެއް ގެންނަން ފެނިއްޖެނަމަ އެކަމެއްވެސް މިނިސްޓަރަށާއި ފުލުހުންނަށް ކޮމިޓީން އެންގޭނެއެވެ. ހަމައެހެންމެ ފުލުހުންނާމެދު ޢާންމުކޮށް ހުށަހެޅޭ ޝަކުވާތައް ބަލައި އެކަންކަން ތަކުރާރުނުވާނެ ގޮތަށް ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމަށް ފުލުހުންނާއި މިނިސްޓަރަށް ކޮމިޓީން އެންގޭނެ ކަމުގައި މިބިލުގައި ބުނެފައިވެއެވެ.
އެ ބިލުގައި ވަނީ ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ހޯމް މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަށް މިހާރުގެ ފުލުހުންގެ ގާނޫނުގައިވާ ވަރަށްވުރެ ސާފުކޮށް ބަޔާންކޮށްފައެވެ. އެ ގޮތުން ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރު ނުކުރެވޭނެ ކަމުގައި ބިލްގައި ކަނޑައަޅާފައިވެއެވެ.
އަދި މި ބިލުގައި ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުޠުތައް ކަނޑައަޅާފައިވެއެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
މީގެއިތުރުން ގާނޫނާ ހިލާފު އަމުރަށް ތަބާވާ ފުލުހުން އެއް އަހަރަށް ޖަލަށްލެވޭ ގޮތް ހެދުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.