ޚަބަރު

މަޖިލީހަކީ ރައީސް ނަޝީދު ކަމުގައި އަމިއްލައަށް ހީވުމަކީ ވަރަށް ބޮޑު ގޯހެއް: ސައީދު

ރައްޔިތުންގެ މަޖިލީހަކީ ރައީސް މުހައްމަދު ނަޝީދު ކަމުގައި އަމިއްލައަށް ހީވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުގެ ވާހަކަ ނުގެންނެވައި ނަޝީދު ވިދާޅުވީ، ބައެއް ބޭފުޅުންގެ ވާހަކަތައް ހުންނެވީ އެ ބޭފުޅަކީ ސީދާ ފުލުހުންގެ މުއައްސަސާ ކަމަށް ހީވާ ފަދަ ގޮތަކަށް ކަމަށާއި އެ ގޮތަށް ދެކިގެން ހިޔާލު ފާޅު ކުރަމުންދާ ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައީސް ނަޝީދު ކަމުގައި އަމިއްލައަށް ހީވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި މިކަމާ ވަރަށް ގިނަ އެމްޑީޕީގެ މެމްބަރުން ވެސް ނުރުހުންވެ ޝުއޫރު ފާޅުކުރަން ފަށާފައިވާ ކަމަށެވެ.

"ސިއްރު ވޯޓަކަށް ގޮސްފިނަމަ އިތުބާރު ނެތް ކަން ޔަގީން ވާނެ." ސައީދު ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލު ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ބައެއް ބާރުތަކެއް ލިބިދޭ ގޮތަށް ކަމަށް ވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފުލުހުންނަކީ އެއްވެސް އަހްލާގީ މިންގަނޑެއް ނެތް ބައެއް ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ފުލުހުންނަށް ވަޒީފާ ދިނުމުގައި ރަނގަޅު ތައުލީމީ މިންގަނޑަކަށް ނުބަލައި ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!