ސިޔާސީ ޤުރުބާން ކަންބަޅިތަކަކަށް ފުލުހުން ނުހަދާ!
ދައުލަތެއް ދެމިއޮންނަނީ ވަކި އަސާސްތަކެއްގެ މަތީގައެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް އަސާސަކީ މުޅި ދައުލަތުގެ ސަލާމަތާ ރައްކާތެރިކަމެވެ. އެކަން ކަށަވަރު ކުރުމަށް ކޮންމެ ދައުލަތެއްގައި ވެސް ސަލާމަތީ ޚިދުމަތްތެރިންތަކެއް ތަމްރީނުކުރެވި ތަރުތީބު ކުރެވިފައި އޮވެއެވެ. ބޭރުން އަތުވެދާނެ ނުރައްކަލަކުން ދިފާއުވުމަށް މަސައްކަތްކުރަން ވަކިބަޔަކުތިބެއެވެ. އެތެރޭގެ ހަމަޖެހުން ހިފެހެއްޓުމަށް ވެސް ބަޔަކު ތިބެއެވެ.
އެހެންކަމުން ސަލާމަތީ ޚިދުމަތްތެރިންނާ ނުލާ ދައުލަތެއް ދެމި ދެމިއޮތުމަކީ މުސްތަހީލު ކަމެކެވެ. އެހެނެއް ކަމަކު ދިވެހި ދައުލަތުގެ ތެރެއިން މިހާރު މިފެންނަނީ ސަލާމަތީ ޚިދުމަތްތެރިންގެ ވަރަކޮށާލާ މަންޒަރެވެ. ރޭވުންތެރިކަމާއި ހީލަތްތެރި ކަމާއެކުގައެވެ. ސާފުބަހުން ބުނާނަމަ މިއަދު ދައުލަތުގެ އެއްބާރުން ދިވެހި ފުލުހުން އަގުވައްޓާލާ އިތުބާރު ކަނޑުވާލަން އުޅޭ އުޅުމަކީ ނުރައްކާތެރި ކަމެކެވެ. މުޖުތަމައުގެ ހަމަޖެހުން ގެއްލިގެން ދާނެކަމެކެވެ. އާއްމު ރައްޔިތުންނަށް ގޭތެރޭގައި ހަމަނިދި ނިދާ ނުލެވިދާނެ ކަމެކެވެ. މަގުތަކުގެ އަމާންކަން ގެއްލި ރައްކާތެރިކަމާއެކު އެނބުރިގެއަށް ވަދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ބިރުވެރި މުޖުތަމަޢަކަށް މިމުޖުތަމައު ބަދަލުވެގެން ދާނެކަމެކެވެ.
ރައްޔިތުން އިތުބާރާއެކު ރައްޔިތުންގެ މަޖިލިސްގެ ސްޕަރމެޖޯރިޓީ އެމްޑީޕީއަށް ދިނީ ބައެއްގެ ހިތުގައި އަނދައަނދާހުރި ބަދަލުހިފުމުގެ އަލިފާންގަނޑަކަށް ތެޔޮއަޅާ ހުޅުގަނޑު ބޮޑު ކުރާކަށް ނޫނެވެ. ފުލުހުންގެ މުއައްސަސާ ނޮޅާ ހަންދަމާލާކަށް ނޫނެވެ. ހަމަ ހަމަ ކަމާ އިންސާފު ދިވެހި ރާއްޖޭގައި ޤާއިމުކުރުމުގެ މާތް މަގުޞަދުގައެވެ. ފުލުހުންގެ މުއައްސަސާގެ ވަރަކޮށާލުމުން ދިވެހިން އެދޭ އިންސާފު ޤާއިމު ވާނެހެއްޔެވެ.
ބަޔަކު ގަބޫލުކުރަން ބޭނުން ނުވިޔަސް ދިވެހި ދައުލަތުގެ ތެރޭގައި ހަމައެއްގެ މަތީން ތަރުތީބުވެގެން އެންމެ ރަނގަޅަށް ހިގާ ދެ މުއައްސަސާއަކީ އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ. ގައުމުގެ ކަންކަން ހަމަމަގުގައި ހިފެހެއްޓުމަށް ފުލުހުންގެ ދައުރު ވަރަށް ބޮޑެވެ. ފުލުހުންގެ މުއައްސަސާ ފާލުން ނައްޓާލައިފިނަމަ މުޅި ގައުމު ހަމަ މަގުން ކައްސާލައެވެ. އެކަން ކިތަންމެ ފަހަރަކު ދިވެހިން ވަނީ ތަޖުރިބާ ކޮށްފައެވެ.
ސިޔާސީ ވާދަވެރިކަން ފެށި ޕާޓީ ނިޒާމަށް ރާއްޖެ ފުރޮޅިގެން އައި ދުވަސްވަރު ވެސް ފުލުހުންނަށް ބޮޑެތި ތުހުމަތުތައް ކުރެވި ގޯނާތައް ކުރެވުނެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގެ ފަހުކޮޅު ސިފައިންނާ ފުލުހުންވަކިވެ ދެމުއައްސަސާގެ ގޮތުގައި ހިނގަން ފެށީއްސުރެ ފުލުހުންނަކީ ސިޔާސީ ވެރިންގެ ސިޔާސީ ހަތިޔާރަކަށް ލޭބަލް ވެއްޖެއެވެ. ސިޔާސީ މުޒާހަރާތައް ހުއްޓުވާ ކޮންޓްރޯލު ކުރަން މަގުމައްޗަށް އެދުވަސް ވަރު ނިކުތް ސްޓަރފޯސް ، ގޮޅާފޯސްގެ ގޮތުގައި ސިފަކޮށް އެކިގޮތްގޮތުން ފުލުހުންނަށް އިދިކޮޅު އެމްޑީޕީން ފުރައްސާރަ ކުރިއެވެ. ފުލުހުންގެ އަނބިދަރިންގެ ޖާނަށް ނުރައްކާވާވަރަށް ބިރުވެރިކަން ފެތުރުނެވެ. ފުލުހުންގެ މުއައްސަސާ އަކީ ސަރުކާރު ހިންގާ ބައެއްގެ ސިޔާސީ ހަތިޔާރަކަށް ވަނީ ފުލުހުންގެ ސަބަބަކުންނޫނެވެ. އޭރަކު ވެރިކަމުގައި ތިބި ބަޔެއްގެ ސިޔާސީ ވިސްނުން ދިފާއުކުރުމަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޤާނޫނަށް ގެންނަ ބަދަލާއި ދޭބާރަކުން ސިޔާސީ ވިކުޓިމުންނަށް ފުލުހުން ބަދަލުކޮށްލަނީ އެއިރަކު އޮންނަ ރައްޔިތުންގެ މަޖިލީހަކުންނެވެ. ފުލުހުން ބޭނުން ވެގެނެއްނޫނެވެ.
ފެބުރުއަރީ 7ގެ ބަސްނޭހުން ގުޅިފައި އޮތީ ހަމަ އެފަދަ ސިޔާސީ ނުފޫޒުތަކެއްގެ ފިއްތުމާއި ގައިރުގާނޫނީ އަމުރުތަކާއެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަންކަން ހުއްޓުވަން ފުލުހުންނަށް މަޖުބޫރު ކުރުވަނީ ސިޔާސީ ވެރިންނެވެ. ފެބްރުއަރީ 8ގެ ކުރިމަތިލުންތަކާއި ބޮޑުހުޅުގެ ހަޤީޤަތަކީ ފުލުހުން އުފެއްދި ހާލަތެއް ނޫނެވެ. މޭޑޭގެ ކުރިމަތިލުން ތަކާއި ގުޅިލާމެހިފައިވަނީ ސިޔާސީ ވެރިންގެ ޒާތީ ހަސަދަ ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ. ނިޒާމުގެތެރެއިން ހުރިހާ ފަހަރަކު ޤުރުބާން ކުރެވެނީ ފުލުހުންނެވެ.
އެއްބަހެވެ. ފުލުހުންގެ ތެރޭގައިވެސް ވިޔާނުދާ އަމަލު ހިންގާ ބަޔަކު ތިބެދާނެއެވެ. އުސޫލުން ބޭރުން ކަންކުރާ ބަޔަކުވެސް ތިބެދާނެއެވެ. ކުށުގެ އަމަލުތަކުގައި ބައިވެރިވެ މަޤާމުގެ ނުފޫޒުގެ ބޭނުން ކުރާ ބަޔަކުވެސް ތިބެދާނެއެވެ. ތުހުމަތުކުރެވޭ ކުށްތަކާއި ގުޅޭ އިންސާފުވެރި ތަހުޤީޤުތައް ކޮށްގެން އެކުރި ކުށަކާއި ގުޅޭ އަދަބެއް ނުވަތަ އަޅަން ޖެހޭ އިސްލާހީ ފިޔަވަޅެއް އެޅުމަކީ ކުރަންޖެހޭނެ ކަމެކެވެ. ފުލުހަކު ކުރާ ނޭއްގާނީ ކަމަކުން މުޅި މުއައްސަސާ ހޫނުފެނަށް ވައްޓާލުމަކީ ކުރަންވާވަރުގެ ކަމެއްނޫނެވެ.
ވެރިކަން ދަމަހައްޓަން ވެރިކަން ވައްޓާލަން ސިޔާސީ މީހުން ބޭނުންކުރާ ހަތިޔާރަކަށް ފުލުހުން ހަދާ އެމީހުންގެ ބާރު ކަނޑުވާލުމުން ގައުމަށް އޮތީ ކޮން ރަނގަޅެއް ހެއްޔެވެ. ވައްކަމާއި މާރާމާރީއާއި ކުށްކުރުމުން މުޖުތަމައު ސަލާމަތްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ހޯދަދޭނެ އެހެން ބަޔަކު ތިބީހެއްޔެވެ. ކާރިސާތަކާއި ބަލިމަޑު ކަމުގެ ވަގުތުތަކުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ސިޔާސީ މީހުނަށް ކޮށްދެވޭނީ ކީއްހެއްޔެވެ. ސިޔާސީ ވެރިންގެ ހަށިފާރަ ވެރިކަން ބަލަހައްޓާނީ އަނދިރި ގޭންގުތަކުން ހެއްޔެވެ. އާއްމު ރައްޔިތުންގެ ތެރޭގައި ފުލުހުންގެ އިތުބާރު ކަނޑާލުމަށް ގޮޅާ ފޯހޭ ބާޣީ އޭ ނުކިޔާ ވަކި ބަޔަކަށް އިނގިލި ދިއްނުކޮށް ފެބުރުއަރީ 7އާއި 8 ގެ ތަހުޤީޤުވެސްކޮށް ޝަރީޢަތް ހިންގަން ޖެހޭ ބަޔަކަށް ޝަރީޢަތް ހިންގަބަލާށެވެ. ސިޔާސީ ޤުރުބާން ކަންބަޅިތަކަކަށް ފުލުހުން ނުހަދާށެވެ.