ލުއިޒް ކުޅެން ނިކުމެ އާސެނަލްގެ ސަޕޯޓަރުން ރޮއްވާލައިފި
ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައި އޮތް އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފެށި މެޗުގައި ޑޭވިޑް ލުއިޒް މުޅި އާސެނަލް ރޮއްވާލައިފިއެވެ. މެންޗެސްޓަރ ސިޓީއާއި ވާދަކުރި މެޗުން 3-0އިން އާސެނަލް ބަލިވިއިރު، ހުރިހާ ގޮތަކުންވެސް މެޗުގެ ވިލަންއަކީ ޑޭވިޑް ލުއިޒްއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗު އާސެނަލް ފަށައިގަތީ ސިޓީއަށްވުރެ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެޓީމަށް މައްސަލަތަކެއް ދިމާވީ މެޗުގެ ކުރީކޮޅު މިޑްފިލްޑަރ ގްރަނިތް ޝަކާ އަދި ޑިފެންޑަރ ޕަބްލޯ މާރީއަށް އަނިޔާވި ހިސާބުންނެވެ. ދެ ކުޅުންތެރިންގެ ބަދަލުގައި ކުޅެން ނެރުނީ ޑެނީ ސެބަޔޯސް އަދި ޑޭވިޑް ލުއިޒްއެވެ.
މެޗުގެ ނަތީޖާ ސިޓީ ކޮޅަށް އެނބުރުނީ ޑޭވިޑް ލުއިޒް ހެދި ގޯސްތަކުންނެވެ. މިގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަހީމް ސްޓާލިން ޖެހި ގޯލަކީ ލުއިޒް އަތުން ގެއްލުނު ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. މި ގޯލް ސިޓީން ޖެހީ އޭގެ ކުރިން ލިބުނު ހުސް ތިން ފުރުސަތެއް ހުށިޔާރުކަމާއެކު ކީޕަރު ލެނޯ ދިފާއުކުރި ފަހުންނެވެ.
ދެވަނަ ހާފުގައި އާސެނަލަށް އިތުރު އުނދަގޫތަކެއް ދިމާވީވެސް ލުއިޒްގެ ސަބަބުންނެވެ. ސިޓީގެ މަހްރޭޒަށް ކުރި ފައުލަކާއި ގުޅިގެން ސިޓީއަށް ޕެނަލްޓީއެއް ލިބުނުއިރު، މި ފައުލަށް ރެފްރީވަނީ ލުއިޒްއަށް ރަތްކާޑެއްވެސް ދައްކާފައެވެ. މެޗުގެ ފަހު 40 މިނެޓު އާސެނަލުން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއިއެކުގައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ފަހު ލަނޑު ޖަހައިދިނީ ފިލް ފޮޑެންއެވެ.
މިއީ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އަތުން އާސެނަލް ޖެހިޖެހިގެން ބަލިވި ހަވަނަ މެޗެވެ. ހަމެޗުގައި 17 ގޯލް އެޓީމްކޮޅަށް ވަތްއިރު، ޖެހުނީ އެންމެ ދެ ގޯލެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އެއްވެސް ކަމެއް ބޭނުންވި ގޮތަށް ނުދިޔަކަމަށާއި، ހުރިހާ ގޮތަކުންވެސް މިއީ ބަދުނަސީބު މެޗެއްކަމަށެވެ.
"ފުރަތަމަ 8ވަނަ މިނެޓުގައި ޝަކާއަށް އަނިޔާވީ، ދެން ޕްލޭން ބަދަލުކުރަން ޖެހުނީ ވަގުތުން. އަނެއްކާ 24 ވަނަ މިނެޓުގައި މާރީއަށްވެސް އަނިޔާވެއްޖެ، މިސްޓޭކަކުން ފުރަތަމަ ގޯލް، ދެން ޕެނަލްޓިއަކާއި ރަތްކާޑެއް، 10 ކުޅުންތެރިންނާއިއެކު ކުޅެން ޖެހުން، މިއީ ހައްތާވެސް އަހަރުމެންނަށް މިއަދު ދިމާވި ކަންކަން. މިވަރުވީމަ ސިޓީ ކަހަލަ ޓީމެއް އަތުން ކިހިނެއް މޮޅުވާނީ" އާޓެޓާ ބުންޏެވެ.
މި ނަތީޖާއާއެކު ޗެމްޕިއަން ސިޓި އޮތީ ޕްރިމިއަރ ލީގުގެ ދެވަނައިގައި 60 ޕޮއިންޓާއިއެކުގައެވެ. އާސެނަލް އޮތީ 40 ޕޮއިންޓާއިއެކު ތާވަލްގެ ނުވަވަނައިގައެވެ.