"ކުޓީނިއޯއަށްވި ގޮތަށް ގްރީޒްމަންއަށް ވިޔަނުދޭން މެސީ މަސައްކަތްކޮށްދޭން ޖެހޭ"
ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވެ ފްލޮޕަކަށްވި ކުޓީނިއޯއަށްވި ގޮތަށް ގްރީޒްމަންއަށް ވިޔަނުދޭން މެސީ މަސައްކަތްކޮށްދޭން ޖެހޭކަމަށް ބާސެލޯނާގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފިއެވެ.
ފޯވާޑް އޮންޓުއާން ގްރީޒަމްން ބާސެލޯނާއަށް ބަދަލުވީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވީ 2018ގެ ޖެނުއަރީމަހުގައެވެ. ކުޓީނިއޯއަށް ބާސެލޯނާގައި އެދެވޭ ކުޅުމެއް ނުދެއްކި އޭނާވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ދޫކޮށްލާފައެވެ. އަނެއްކޮޅުން މި ސީޒަނަށްފަހު އޭނާގެ ލޯން އެއްބަސްވުން ހަމަވާތީ ބާސެލޯނާއިން ބޭނުންވަނީ ކުޓީނިއޯ ވިއްކާލާށެވެ.
އަގު ބޮޑުކޮށް ކުޅުންތެރިޔާ ގަނެ ބޭނުން ނުކުރެވުމުން ބާސެލޯނާގެ ކޯޗުންނާއި ކުޓީނިއޯއަށްވެސް ފާޑުކިޔުން އަމާޒުވިއެވެ. ކުޓީނިއޯއަށްވި ކަހަލަ ގޮތެއް މިހާރުގެ ފޯވާޑް ގްރީޒްމަނަށްވެސް ވެދާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސަބަބަކީ އޭނާއަށް މި ވޭތުވެދިޔަ ދުވަސްތަކުގައި މާ މޮޅު ކުޅުމެއް ނުދެއްކުމެވެ. މިހާތަނަށް ބާސެލޯނާއަށް ކުޅުނު 39 މެޗުގައި 14 ގޯލް ޖެހި ގްރީޒްމަން އަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ގޯލެއް ނުޖެއެވެ.
ބާސެލޯނާއާއި ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނީ ކުޓީނިއޯއާއި ގްރީޒަމަންގެ ހާލަތު އަޅާކިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. މޮޅު ކުޅުންތެރިއަކު ބާސެލޯނާއަށް ސޮއިކުރާ ހިސާބުން ސަޕޯޓަރުންގެ އުއްމީދުތައް ހުންނަނީ ވަރަށް މަތީގައިކަމަށައި، ކޮންމެ ކުޅުންތެރިއަކަށްވެސް އައު ކުލަބަކަށް ބަދަލުވެ ވަގުތު ބޭނުންވާނެކަމަށެވެ.
ރިވާލްޑޯ ބުނީ މި ދަނޑިވަޅުގައި ގްރީޒަމަންއަށް ހިތްވަރުދީ އޭނާއަށް އެހީތެރިވެދޭން ޖެހޭނީ މެސީކަމަށެވެ. މިގޮތުން ޕެނަލްޓީތައް ޖެހުމަށްވެސް ގްރީޒްމަނަށް ފުރުސަތުދީ އޭނާ ލައްވައި ގޯލް ޖަހަން މަސައްކަތްކޮށްދޭން ޖެހޭކަމަށެވެ. ރިވާލްޑޯ ބުނީ ބާސާގެ ފޯވާޑް ސުއަރޭޒްވެސް ގޯލެއް ނުޖެހި ގިނަ މެޗު ދާން ފެށުމުން މެސީ މިގޮތަށް އެހީވާކަމަށާއި، ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ފޯމުގައި ބަހައްޓަން މެސީ މަސައްކަތްކޮށްދޭން ޖެހޭކަމަށެވެ.
އެންމެ ފަހުން ލީގުގައި ބާސެލޯނާ ކުޅުނު މެޗުގައި ގްރީޒްމަން ޖެހި ގޯލް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއްގެ ގޮތުގައެވެ. މެޗުގައި ލިބުނު ޕެނަލްޓީން ގޯލް ޖެހީ މެސީއެވެ.
ރިވާލްޑޯ ބުނީ ކުރިއަށް ލީގުގައިވެސް އަދި ޗެމްޕިއަންސް ލީގުގެވެސް މުހިންމު މެޗުތަކެއް ހުރުމަކީ ގްރީޒްމަންގެ ފޯމު މުހިންމުވާ ސަބަބެއްކަމަށެވެ. ސަބަބަކީ ގާތްގާތުގައި ލަލީގާގެ މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވުމެވެ.