ޓްރާންސިޕްމަންޓް ބަނދަރު ގާއިމް ކުރުމަށް ކުރާ ދިރާސާ އަންނަ މަހު ނިމޭނެ: ފައްޔާޒު
ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ބަނދަރެއް ގާއިމް ކުރުމަށް ކުރާ ދިރާސާ ފެބުރުއަރީ މަހު ނިމޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ހަނިމާދޫ ދާއިރާގެ މެންބަރ އަބްދުލް ޤަފޫރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ މިހާރުވެސް ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކޮންސަލްޓެންޓެއް މަސައްކަތް ކުރަމުންދާކަމަށެވެ.
ފައްޔާޒު ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރެއް ރާއްޖޭގައި ނުހެދި ލަސްވި އިރު އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގައި އެފަދަ ބަނދަރުތައް މިހާރު ހަދާފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބަނދަރަކުން ލިބެން އޮތް އެންމެ ބޮޑު ފައިދާ ނުލިބޭނެ ފަދަ ހާލަތެއް މިހާރު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން ބަލާ ބެލުމުގައި އެންމެ ސީދާ ރޫޓަކަށް އަދިވެސް އޮތީ ދިވެހިރާއްޖެ. އެހެން ދިމަދިމާލަށް ދަންޏާ ކުޑަކޮށް ރޫޓް ބަދަލުކޮށްްލައިގެން މި ދެވެނީ. އެހެންވީމާ އެ އެޑްވާންޓޭޖް އަޅުގަނޑުމެންނަށް އެބަ އޮތް،" ފައްޔާޒު ވިދާޅުވި އެވެ.
"މީގެ ދިރާސާތައް އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަސް ނިމޭ ހިސާބަށް އަޅުގަނޑުމެންނަށް ލިބޭނެ."
އޭނާ ވިދާޅުވީ ޓްރާންޝިޕްމެންޓް ބަނދަރުގެ މަޝްރޫއު ކާމިޔާބު ވެއްޖެ ނަމަ ދުރު ރާސްތާގައި އެއީ ޓޫރިޒަމް އިންޑަސްޓްރީއަށް ވުރެ ވެސް ބޮޑު އިންޑަސްޓްރީއަކަށް ވުން އެކަށީގެންވާ ކަމަށެވެ.
މިކަމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމަށް ގުޅުންހުރި ގައުމުތަކާއި ވާހަކަ ދައްކަވަމުން ދާކަމަށް މިނިސްޓަރ ފާހަގަ ކުރިއެވެ. އެގޮތުން ސައުދީ އަރަބިޔާ އޫއޭއީ އިންޑިޔާ އަދި އެމެރިކާ ގެ އިންވެސްޓަރުންނާއި ވާހަކަ ދައްކަމުންދާކަން ފާހަގަ ކުރިއެވެ.