ދުނިޔެ

ކޮވިޑް ފެތުރިދާނެތީ، ބޯ ކޮށާއިރު ވާހަކަ ނުދައްކާ ތިބުމަށް އިލްތިމާސްކޮށްފި

ކޮވިޑް19 ގެ ހާލަތު މުޅިން ރަނގަޅުނުވިނަމަވެސް ނިއުނޯމަލް އަކާއެކު ގިނަ ގައުމުތައް ދަނީ ހުޅުވާލަމުންނެވެ. ގިނަ ގައުމުތަކުން އަދިވެސް ދަނީ ނިއުނޯމަލް އަށް ހޭނުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ސެލޫންތަކާއި ބޯ ކޮށްތަންތަން ޖުލައި މަހުގެ 4 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާއިރު ބޯ ކޮށަން ދާ މީހުން ބޯ ކޮށައިދޭ މީހުނާ ވާހަކަ ނުދެއްކުމަށް ވަނީ އެދިފައެވެ.

އެގައުމުގެ ނެޝަނަލް ހެއާ އެންޑް ބިއުޓީ ފެޑެރޭޝަން އިން ވަނީ މި ގަވައިދުތައް އެކުލަވާލާ ގައިޑްލައިން އެއް ނެރެފައެވެ. މި ގައިޑްލައިންގައި ވަނީ ސެލޫން ތަކުން އޮންލައިން އެޕޮއިންޓެމެންޓު ދޫކުރުމަށް ލަފާދީފައެވެ. އެގޮތުން ކަނޑައަޅާ ވަކި ގަޑިއެއްގައި ބޯކޮށަން އާދެވޭ ގޮތަށް ހަމަޖެއްސުމަށް ވަނީ އެދިފައެވެ.

ހަމައެހެންމެ ކަސްޓަމަރު ގޮނޑީގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުން، ބޯ ކޮށަން އައުމުގެ ކުރިން ބޭނުންވާ ސްޓައިލްތަކާއި ޓްރައިލްތައް އޮންލައިން ކޮށް ވާހަކަދެއްކުމަށްފަހު ސެލޫން އަށް އަންނަ ގޮތަށް ހެދުމަށް ވެސް އެ ގައިޑްލައިން ގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކަސްޓަމަރާއި ބޯ ކޮށާ މީހާ އާ ދެމެދު ދައްކަން ޖެހޭ ވާހަކަތައް މަދުކޮށް ވާހަކަދެއްކުމުގައި ވެސް އެކަކު އަނެކަކަށް ލޯގަނޑުން ބެލުމަށްވަނީ މި ގައިޑްލައިންގައި ލަފާއަރުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!